ޚަބަރު

އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް އަންނަ އަހަރު ބޮޑު ކެމްޕޭނެއް


  • އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތައް ކިޔައިދޭނެ

  • ފަންނީ ޤާބިލުކަން މަތިކުރުމަށްޓަކައި ދޭންޖެހޭ ތަމްރީންތައް ދޭނެ

އަރޓިފިޝަލް އިންޓެލިޖެންސް، އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް އަންނަ އަހަރު ބޮޑު ކެމްޕެއިނެއް ފަށްޓަވާނެކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވިއެވެ. ވަޒީރު މިހެން ވިދާޅުވީ ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވީ މުދައްރިސުންގެ ދުޅަހެޔޮކަމާއި މުދައްރިސުންގެ ތައުލީމީ ފެންވަރު މަތިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި މުދައްރިސުންނަށް ތަފާތު އެކި ތަމްރީނުތައް ދިނުމާއި މަސައްކަތްތައް ލުއިފަސޭހަކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ މުދައްރިސުންގެ ހުނަރުތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތެއް ކުރިއަށްވެސް ރޭވިފައިވާކަމަށެވެ. އެގޮތުން އަންނަ އަހަރު އަރޓިފިޝަލް އިންޓެލިޖެންސް، އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް ބޮޑު ކެމްޕޭނެއް ފަށްޓަވާނެކަމަށާއި މީގެދަށުން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި ފަންނީ ޤާބިލުކަން މަތިކުރުމަށް ދޭންޖެހޭ ތަމްރީންތައް ލިބޭނެކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

"މިއަންނަ އަހަރުގައި އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމައްޓަކައި ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދާނަން. ރޯދަމަހުގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެކަށީގެންވާ މުއްދަތު ހިމަނާފައިވާނީ. އަޅުގަނޑުމެން ގަސްތުކުރަނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި ފަންނީ ޤާބިލުކަން މަތިކުރުމަށްޓަކައި ދޭންޖެހޭ ޓްރޭނިންތައް މިމުއްދަތުތެރޭގައި ދެވޭނެކަމަށް" ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އުނގެނުމުގެ މަތީގައި ދެމިތިބޭ ޤައުމަކަށް ވެވޭނީ ވިސްނާ ފިކުރުކުރާ ޒުވާނުންތަކެއް ބިނާކުރެވިގެންކަމަށެވެ. އެހެންނޫނީ މަދަރުސާ ނިންމާފައި ނުކުންނަށް ޒުވާނުން މާ އުފެންދުންތެރި އޮއްޓަރު ހުރި ކަމެއްގައި ނޫޅެވި އުޅެންޖެހިދާނެކަމަށް ވިދާޅުވިއެވެ.

ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވީ ދިރިއުޅުމާއި ދޭތެރޭ ވިސްނާ ދުނިޔޭގައި ހިނގާ ކަންކަމާމެދު ވިސްނާ އުފެންދުންތެރި ކުދިންތަކެއް ބިނާ ކުރެވޭނީ ފަންނީ ގޮތުން މުދައްރިސުންގެ ޤާބިލްކަން އިތުރުކުރެވޭ މިންވަރަކުން ކަމަށެެވެ. މިކަންކުރެވޭނީ ކަރިކިއުލަމަށް ބަދަލު ގެނެސްގެންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ކަރިކިއުލަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އޭގެ މެޕިންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ކޮންޓެންޓު ރިވިޝަންގެ ބޮޑު މަސައްކަތްތަކެއް އަންނަ އަހަރު ކުރިއަށް ގެންދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ތަޢުލީމީ ވަޒީރު ވިދާޅުވީ މަދަރުސާތަކުގައި ތައުލީމު ފޯރުކޮށްދެނީ އިސްލާމްދީން ދެކެ ލޯބިވާ ޤައުމުދެކެ ލޯބިވާ ދަރިވަރުންތަކެއް ބިނާކުރުމަށްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ މުހިންމު އިސްކަމެއްދެއްވާ އެއްކަމަކީ ސިކުނޑިތައް ތަރައްޤީކޮށް ވިސްނާ ޤައުމުދެކެ ލޯބިވާ ރައްޔިތެއް އުފެއްދުންކަން ތަކުރާރުކުރައްވަމުން، ތައުލީމީ ނިޒާމުގެ ތެރެއިންވެސް ދިރިއުޅުމަށް ތައްޔާރުވާ ކުއްޖަކު ތައްޔާރުކުރުމުގައި ބޮޑަށް ވިސްނަންވީ ފިކުރުކުރާ ބިނާކުރަނިވި ކުއްޖަކު އުފެއްދުމަށްކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.