ޚަބަރު

ޣައްޒާގެ ސުއްލަހައަށް އެކުލަވާލި ޕްލޭން ތަންފީޒުވާން ފެށުމުން ރާއްޖޭގެ މަރުޙަބާ


  • މި ޕްލޭނަކީ އެމެރިކާގެ ރައީސް އިސްވެ އެކުލަވާލާފައިވާ ޕްލޭނެއް

  • ފަލަސްޠީނު ރައްޔިތުންނަށް އިންސާފު ހޯދުމަށް ގޮވާލެއްވި

ޣައްޒާގެ ސުލްހައިގެ ޕްލޭންގެ ފުރަތަމަ ފިޔަވަހި ތަންފީޒުވާން ފެށުމަކީ ދެމެހެއްޓެނިވި އަމާންކަމެއް ހާސިލްވުމަށް ފަލަސްޠީނު ރައްޔިތުންނަށް ލިބިގެން ދިޔަ އުންމީދެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް އިސްވެ އެކުލަވާލާފައިވާ ޣައްޒާގެ ސުލްހައިގެ ޕްލޭންގައި ހިމެނޭ ކަންކަމާ މެދު އެއްބަސްވުމަކަށް ވަނީ އައިސްފައެވެ. އަދި މި ޕްލޭންގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ކަންކަން ތަންފީޒުކުރަން ވަނީ ފަށާފައެވެ.

މިކަމާ ގުޅޭގޮތުން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ސުލްހައިގެ އެއްބަސްވުމަކަށް އާދެވުމާ ގުޅިގެން އެކަމަށް ވަނީ މަރުހަބާ ކިޔާފައެވެ. މިއީ ފަލަސްޠީނުގެ ރައްޔިތުން އަހަރުތަކެއް ވަންދެން ތަޙައްމަލު ކުރަމުންދިޔަ ވޭނަށް ލުޔެއްލިބި، ސުލްޙަ ޤާއިމްކުރުމަށް ލިބިގެން އުންމީދެއްކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. އެހެންކަމުން މިފަދަ އެއްބަސްވުމަކާ ހަމައަށް އައުމަށް ޤައުމުތަކުން ކުރި މަސައްކަތަށް ދިވެހިރާއްޖެއިން ޝުކުރުއަދާކުރިއެވެ.

ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައި މީގެ ކުރިން ވެވުނު ހުރިހާ އެއްބަސްވުމެއްވެސް ޔަހޫދީ ދައުލަތުން އިސްވެ ރޫޅާލިކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. މިއާއެކު މި އެއްބަސްވުމުގައި ހުރި ކަންކަން ތަންފީޒުކުރަން ވަނީ ގޮވާލައްވާފައެވެ. ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުން ޔަހޫދީ ދައުލަތުގެ ވެރިންނާއި ދެކޮޅަށް ނެރުފައިވާ އަމުރު ތަންފީޒުކޮށް އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް ގޮވާލާފައެވެ.

ޚާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާން ނިންމާލާފައިވަނީ، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާޢީދުކުރާނެކަން ފާހަގަކުރަމުންނެވެ. އަދި ފަލަސްޠީނުގެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ބަލައި، 1967 ކުރީގެ ބޯޑަރަށް ރުޖޫޢަވުމަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން މި ބަޔާނުގައިވެސް ވަނީ ތަކުރާރުކުރައްވާފައެވެ.

ފަލަސްޠީނުގެ އައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދިޔަ ޤަތުލްޢާންމު ހުއްޓުވުމަކަށް ގެނެއުމަށް އެއްބަސްވުމަކާހަމައަށް ދިޔައިރު، ރާއްޖެއިން ވަނީ މިވޭތުވެ ދިޔަ މުއްދަތުގައި ޢައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރިމާތައް ބަލައި ޔަހޫދީ ދައުލަތް ޖަވާބުދާރީ ކުރުވުމަށް ބައިނައަޤްވާމީ އެކި މަންސަތަކުގައި ގޮވާލާފައެވެ. އަދި މެދުކެނޑުމެއް ނެތި ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި ބައިނަލްއަޤްވާމީ ހުރިހާ މަންސައެއްގައިވެސް ދަނީ ވަކަލާތު ކުރަމުންނެވެ.