ޚަބަރު

އަލަށް އުފަންވާ ތުއްތު ކުދިން އުތުރު ޣައްޒާއިން ނެރުމަށް ކުރަމުންދާ މަސައްކަތަށް ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ހުރަސްއެޅިފައި


ޣައްޒާގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީން ބޭރު ކުރުމަށް ހަމަޖެފައިވާ އަލަށް އުފަންވެފައިވާ ދެ ތުއްތު ކުދިން އެހެން ސަރަޙައްދަކަށް ގެންދިޔުމަށް ކުރަމުންދިޔަ މަސައްކަތް މަޑުޖައްސާލަން ޖެހިއްޖެއެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުރަސްއެޅިފައި ވަނީ ޔަހޫދީންގެ ފަރާތުން ލިބެންޖެހޭ ސަލާމަތީ ކްލިއަރެންސް ލިބިފައި ނުވާތީއެވެ.

އދގެ އިދާރާތަކުން ދަނީ ޣައްޒާގެ އުތުރުގެ ހަސްފަތާލުތަކުގައި ތިބި 18 ތުއްތުކުދިން އެ ސަހަރުން ނެރުމަށް މަސައްކަތް ކުރަމުންނެވެ. ޣައްޒާ ސިޓީން ނެރުމަށް މިހާރު މަސައްކަތް ކުރަމުންދާ ދެ ކުދިންނަކީ ވެސް އޭގެ ތެރޭގައި ހިމެނޭ ދެ ކުދިންނެވެ. ޣައްޒާ ސިޓީއަށް ޔަހޫދީން ދެމުންދިޔަ ޙަމަލާތައް އިތުރުކުރުމާ ގުޅިގެން، މަހެއް ވެސް ނުފުރޭ އެ ދެކުދިންގެ މައިންބަފައިން އުތުރު ޣައްޒާ ދޫކޮށް ދިޔުމަށް މަޖުބޫރުވިއިރު، އެ ކުދިން ރައްކާތެރިކަމާއެކު ގެންދެވެން ނެތުމުން އެ ކުދިން ހަސްފަތާލުގެ އިންކިއުބޭޓަރުގައި ބައިތިއްބަން ޖެހުނު ކަމަށް އދގެ ކުޑަކުދިންނާ ބެހޭ އިދާރާ، ޔުނިސެފުން ބުނެއެވެ.

ޔުނިސެފުން ބުނީ އެ ކުދިން ޣައްޒާ ސިޓީން ބޭރުކުރުމުގެ ޙުއްދަ ކުރިން ހޯދާަފައި ވާތީ އެ ކުދިން ކާރަށް އަރުވައި ދަތުރު ފެށުމަށް މަސައްކަތް ކުރި މަށެވެ. ނަމަވެސް ސަލާމަތީ ކްލިއަރެންސް ލިބިފައި ނުވާތީ އެ ކުދިން ފުރަތަމަ ގެންދިޔައީ ޔުނިސެފްގެ އޮފީހަކަށް ކަމަށް އެ އިދާރާއިން ބުނެއެވެ. އެ ކުދިން އަލުން އަނބުރާ ހަސްފަތާަލަށް މިހާރު ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ނަމަވެސް ޔަހޫދީން އަދިވެސް ދަނީ ޣައްޒާއަށް ޙަމަލާ ދެމުންނެވެ. އަސްކަރީ ޙަމަލާތަކުގެ ސަބަބުން ހަސްފަތާލުގައި ތިބި ތުއްތު ކުދިން އެހެން ސަރަޙައްދަކަށް ގެންދިޔުމަށް ކުރާ މަސައްކަތަށް ހުރަސްއެޅިފައިވާ ކަމަށް ވެސް ޔުނިސެފުން ބުނެއެވެ.

ޢުދުވާން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ޔަހޫދީންނަކަށް އަދި ޤަނޫނީ ގޮތުން ލާޒިމެއް ނުވެއެވެ. އެއްބަސްވުމުގައިވާ ގޮތުން އެ އެއްބަސްވުން ތަންފީޒުކޮށް ޢަމަލުކުރަން ފަށާނީ ޔަހޫދީންގެ ނިރުބަވެރި ސަރުކާރުން އެ އެއްބަސްވުން ތަސްދީޤު ކުރާތާ 24 ގަޑިއިރުގެ ތެރޭގައެވެ.