ޚަބަރު

ޙަމާސް-ޔަހޫދީންގެ ޞުލްޙައިގެ އެއްބަސްވުމަށް ޢަމަލު ކުރަން ފަށައިފި


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކޮށް، އަމަލު ކުރަން ފަށައިފިއެވެ. ދެ އަހަރަށް ދެމިގެން ގޮސްފައިވާ ޤަތުލުޢާންމު ހުއްޓައިލަން ޔަހޫދީން އެއްބަސްވެފައި މި ވަނީ، ޣައްޒާގެ 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށް ފަހުއެވެ.

ޙަމާސާއި ޔަހޫދީންނާ ދެމެދު ހަދާފައިވާ އެއްބަސްވުމަށް އަމަލު ކުރަން ފަށާފައި ވަނީ ޖީއެމްޓީ ގަޑިން 9 ޖެހިއިރެވެ. އެއީ، ރާއްޖެ ގަޑިން މެންދުރު 2 ޖެހިއިރެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވެފައި ވަނީ، މިޞްރުގެ ރިސޯޓު ރަށެއް ކަމުގައިވާ ޝަރްމް އަލް-ޝައިޚުގައި މިހާރު ކުރިއަށްދާ ނުރަސްމީ މަޝްވަރާތަކުގައެވެ. މިއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމަށް ކުރިއަށް ގެންދާ މަޝްވަރާތަކެކެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ޓްރަމްޕް ވަނީ 20 މާއްދާއެއްގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް ހުށަހަޅުއްވާފައެވެ.

ދެ ފަރާތުން ވެސް މި ވަގުތަށް އެއްބަސްވެފައި ވަނީ ޓްރަމްޕްގެ ރޭވުމުގެ ފުރަތަމަ މަރުޙަލާ ތަންފީޒު ކުރުމަށެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލާފައިވާ ކަމުގެ ޚަބަރު ފެތުރެން ފެށުމާ އެކު ޒަޔަނިސްޓު ދައުލަތުގެ އިތުރުން ޣައްޒާގެ ރައްޔިތުން ވެސް ވަނީ އުފާ ފާޅުކުރަން ފަށާފައެވެ. ޙަމާސް ޖަމާޢަތުން ބުނީ، އެއްބަސްވުމާ އެކު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް ފަހު އެ ސަހަރުގެ ބިންތަކުން ޔަހޫދީ ސިފައިން ފައިބާނެ ކަމުގައެވެ. އަދި، ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރެވިގެންދާނެ ކަމުގައެވެ.

އެއްބަސްވުން އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށް ޙަމާސުން ގޮވައިލުން

ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙަވުމަށް ނިންމައި، އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާއަށް އަމަލު ކުރުމަށް ރުހުންދީފައިވާ ކަން ފުރަތަމަ އިޢުލާނު ކުރެއްވީ ޓްރަމްޕެވެ. އޭނާ ވިދާޅުވީ، އެއްބަސްވުމާ އެކު، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން ދާދި އަވަހަށް މިނިވަން ކުރެވިގެންދާނެ ކަމުގައެވެ. އަދި، ޣައްޒާގައި ޢުދުވާން ހިންގަމުންދާ ޔަހޫދީ ސިފައިން އެ ސަހަރުން ފައިބަން ފަށާނެ ކަމުގައެވެ.

ޙަމާސުން ވެސް ވަނީ ޣައްޒާގައި އަރައިގަނެފައިވާ ޔަހޫދީ ސިފައިން އެ ސަހަރުން ފައިބަން ފަށާނެ ކަމާއި، ދެ ފަރާތުގެ ދެމެދުގައި އަސީރުން ބަދަލު ކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަން ކަށަވަރު ކޮށްދީފައެވެ. "ދެ ފަރާތުން އެއްބަސްވެފައި ވަނީ ޣައްޒާ ހަނގުރާމަ ދާއިމަށް ހުއްޓައިލަން،" އަލް-ޢަރަބީ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޙަމާސްގެ ވެރިޔާ އުސާމާ ޙަމްދާން ވިދާޅުވިއެވެ. "އިސްރާއީލުގެ އިސްތިޢުމާރީ ބާރުން މި އެއްބަސްވުން ތަންފީޒު ކުރޭތޯ ބެލުމަށް މުޅި ދުނިޔެއިން ފާރަވެރިވާން ޖެހޭނެ، އަދި ހަނގުރާމަ މުޅިން ހުއްޓައިނުލައިފި ނަމަ އަސީރުން ބަދަލު ކުރުމުގެ ފުރުޞަތެއް ނުދެވޭނެ."

ޙަމްދާން ވިދާޅުވީ، ޔަހޫދީން މި އެއްބަސްވުމާ ޚިލާފުނުވާނެ ކަން ކަށަވަރު ކުރާނެ ކަމުގެ ޔަގީން ކަން، އެއްބަސްވުން އެކުލަވައިލުމުގައި މެދުވެރިންގެ ދައުރު އަދާކޮށްފައިވާ ޤަޠަރާއި، މިޞްރު އަދި އެމެރިކާއިން ދީފައިވާ ކަމުގައެވެ. ނަމަވެސް، އެއްބަސްވުން އިޢުލާނު ކުރުމުގެ ފުރުޞަތު އެމެރިކާގެ އަތްމައްޗަށް ޔަހޫދީން ދޫކޮށްލުމުން އޭނާ ވަނީ އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވާފައެވެ. "އެއްބަސްވުމުގައިވާ ގޮތުން އިސްތިޢުމާރީ ބާރުގެ ސިފައިން މާދަމާއިން ފެށިގެން [ޣައްޒާއިން] ފައިބަން ފަށަން ޖެހޭނެ، މިރޭ ވެސް ބައެއް ސިފައިން ފައިބަން ފަށާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވިއެވެ.

އެއްބަސްވުން ތަންފީޒު ކުރެވޭނެ ކަމާ މެދު ގިނަ ސުވާލުތަކެއް

ޙަމާސާއި ޔަހޫދީންނާ ދެމެދު ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވެފައިވީ ނަމަވެސް، އަދިވެސް ސުވާލު އުފެދިފައިވާ ގިނަ މައްސަލަތަކެއް ހުރި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އަދި، އެ ކަންކަމަށް އެކަށީގެންވާ ޙައްލުތަކެއް ނުހޯދިއްޖެ ނަމަ، ސުލްޙަވުމުގެ އެއްބަސްވުން ނާކާމިޔާބުވުމުގެ ފުރުޞަތު އޮތް ކަމުގައި އެ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

އެއްބަސްވުމާ އެކު އުފެދިފައިވާ ބައެއް ސުވާލުތަކުގެ ތެރޭގައި އެއްބަސްވުމުގެ އިތުރު މަރުޙަލާތައް ތަންފީޒު ކުރަން ފަށާނެ ތާވަލާއި، ހަނގުރާމައަށް ފަހު ޣައްޒާގެ އިދާރީ ހިންގުން ބައްޓަން ކުރާނެ ގޮތް ހިމެނެއެވެ. އަދި، ޙަމާސަަށް ދެން ވާނެ ގޮތަކާ މެދުވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގިނަ ސުވާލުތަކެއް އުފައްދައެވެ.

2007ވަނަ އަހަރަށް ފަހު ޣައްޒާގައި ވެރިކަން ހިންގަނީ ޙަމާސުންނެވެ. ނަމަވެސް، ޣައްޒާގެ ވެރިކަމުގައި ދެމިއޮތުމުގެ ފުރުޞަތު އެ ޖަމާޢަތަށް ދިނުމަށް ޒަޔަނިސްޓުންގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާއި، ޓްރަމްޕްގެ އިތުރުން ހުޅަނގާއި ޢަރަބި ގިނަ ޤައުމުތަކުން ބޭނުން ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޓްރަމްޕް ރާއްވަވާފައި އޮތީ، ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)އާ ޣައްޒާގެ އިދާރީ ހިންގުން ޙަވާލު ކުރުމަށެވެ. ނަމަވެސް، އެ ކަން ކުރާނީ އެ އިދާރާއަށް ބޮޑެތި އިސްލާޙުތަކެއް ގެނައުމަށް ފަހުގައި ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

ދެން ވާނީ ކިހިނެއް؟

އެއްބަސްވުން ތަޞްދީޤު ކުރުމަށް މިއަދު (އޮކްޓޫބަރު 9ވަނަ ދުވަހު) ޒަޔަނިސްޓުންގެ ސަރުކާރުގެ ކެބިނެޓުގެ ބައްދަލުވުމެއް ބާއްވާނެ ކަން ނިރުބަވެރި ނަތަންޔާހޫ ވަނީ އިޢުލާނު ކޮށްފައެވެ. ޙަމާސުން ބުނީ، އެއްބަސްވުމަށް އަމަލު ކުރަން ފަށާތާ 72 ގަޑިއިރުގެ ތެރޭގައި އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމުގެ މަސައްކަތް ފަށާނެ ކަމުގައެވެ. އޮކްޓޫބަރު 11ވަނަ ދުވަހު އަސީރުން މިނިވަން ކުރަން ފަށާނެ ކަމުގައި ޒަޔަނިސްޓު ދައުލަތުން ވެސް ވަނީ ބުނެފައެވެ.

ޙަމާސްގެ ބެލުމުގެ ދަށުގައި މި ވަގުތު ތިބި އަސީރުންގެ އަދަދު 48އަށް އަރާ ކަމަށް ޤަބޫލު ކުރެއެވެ. އަދި، އޭގެ ތެރެއިން މި ވަގުތު ދިރިތިބީ 20 މީހުންނެވެ. އެ އެންމެންގެ އިތުރުން މަރުވެފައިވާ އަސީރުންގެ ހަށިތައް ވެސް ޙަމާސުން ޔަހޫދީންނާ ޙަވާލު ކުރާނެއެވެ. ނަމަވެސް، ޔަހޫދީންގެ ޙަމަލާތަކުގައި މަރުވެފައިވާ ހުރިހާ އަސީރުންގެ ހަށިތައް ހޯދުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމުގައި ޙަމާސުން ވަނީ ބުނެފައެވެ.

އެއްބަސްވުމުގެ ދަށުން ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ 1,700އެއްހާ ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ. އަދި، އެކި ކުށްތަކުގައި އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރަމުންދާ އިތުރު 250 ގައިދީން ވެސް މިނިވަން ކުރަން ޖެހޭނެއެވެ. މީގެ އިތުރުން، ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީއާއި، ދެކުނުގައި އޮތް ރަފަޙް އަދި ޚާން ޔޫނިސުން ޔަހޫދީ ސިފައިން ފައިބަން ޖެހޭނެއެވެ. އަދި، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، ފަސް މަގެއް ހުޅުވައިލަން ޖެހޭނެއެވެ.