ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީގެ މެންބަރުކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤް ހަމަޖައްސައިފިއެވެ.
މިއީ ދިވެއްސަކު ފީފާގެ އެޑްވައިޒަރީ ކޮމިޓީއަކަށް އައްޔަނުކުރި ފުރަތަމަ ފަހަރެވެ. ފީފާގެ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީގެ މެންބަރުކަމަށް ޠާރިޤް އައްޔަން ކުރައްވާފައިވަނީ 2025-2029 އާއި ހަމައަށް ކުރިޔަށްދާ ދައުރަށެވެ.
މި ކޮމިޓީއަކީ ޓެކްނިކަލް މިންގަނޑުތައް އެކުލަވާލާ ދުނިޔޭގެ ފުޓްބޯޅައިގައި އެ މިންގަނޑުތައް ހިފެހެއްޓުމަށް ބާރުއަޅާ ކޮމިޓީއެކެވެ. ފީފާ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީ އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ.
ފީފާގެ ސްޓޭންޑިންގ ކޮމިޓީއަކަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އައްޔަންކޮށްފައިވާއިރު މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ހަޔާތުގައި ލިބިގެންދާ ތާރީހީ ކާމިޔާބީއެއްކަމަށް އެފްއޭއެމުން ބުނެއެވެ.
އެފްއޭއެމްގެ ރައީސް ޠާރިޤް ވަނީ ދާދިފަހުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއި ބައްދަލުކުރައްވާ ރާއްޖޭގެ ފުޓްބޯޅަ އިދާރާ އިސްލާހު ކުރެއްވުމަށް ކުރައްވާ މަސައްކަތަކާއި ފުޓްބޯޅައިގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ރާއްޖޭގެ ފުޓްބޯޅަ އަލުން ދިރުވާ އާލާކުރުމަށް ޠާރިޤްގެ ލީޑަރޝިޕްގެ ދަށުން ކުރިޔަށް ގެންދަވާ ކަންކަން ފާހަގަކުރައްވާ އިންފަންޓީނޯ ވަނީ ޠާރިޤަށް ތައުރީފު ކުރައްވާފައެވެ.