ޓްރޭޑިއަންގެ ދެވަނަ ފިޔަވަހީގައި ޚާއްސަ ކުރަނީ ވައިގެ މަގުން ފޯރުކޮށްދޭ ޚިދުމަތްތަކަށްކަމަށާއި އަންނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި އެއަރކްރާފްޓްތައް ރަޖިސްޓްރީކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް ޓްރޭޑު ނެޓުން ވިދާޅުވެއްޖެއެވެ.
"ޓްރޭޑިއަން" އަކީ ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު، އެއް ޕްލެޓްފޯމަކުން މުހިންމު ޚިދުމަތްތައް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ނެޝަނަލް ސިންގަލް ވިންޑޯއެކެވެ. މިދިޔަ އަހަރު އިފްތިތާޙް ކުރި މި ޕްލެޓް ފޯމުން މިހާރު އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މިހާރު ޚިދުމަތް ފޯރުކޮށްދެނީ ކަނޑުމަގުން ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާފަރާތްތަކަށެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓްރޭޑު ނެޓުގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރު "ޓްރޭޑިއަން" ޕްލެޓްފޯމްގެ ފުރަތަމަ ފިޔަވަހީގައި ބޮޑަށް އަމާޒުކޮށްފައި ހުރީ ކަނޑުމަގުން ރައްޖެއަށް އެތެރެކުރާ މުދަލާއި ރާއްޖެއިން ބޭރުކުރާ މުދަލުގެ ޚިދުމަތްތަކަށެވެ. ނަމަވެސް ދެވަނަ ފިޔަވަހީގައި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރާ މުދަލާއި ބޭރުކުރާ މުދަލުގެ ބާވަތްތައްކަށްވެސް ޚިދުމަތް ދޭނެކަމަށެވެ.
ފުރަތަމަ ފިޔަވަހީގައިވެސް ކަނޑުމަގުން އަންނަ ބޯޓުތައް ރަޖިސްޓްރީ ކުރުމާއި ޑިކްލަރޭޝަންގެ މަސައްކަތްތައް ކުރިއަށްދާގޮތަށް ދެވަނަ ފިޔަވަހީގައި ވައިގެ މަގުން ރާއްޖެ އަންނަ ބޯޓުތަކާއި އެޖެންޓުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ސަޢީދާ ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުން ޚާއްސަ ހުއްދަތައް ނަގައިގެން ގެންނަ މުދަލުގެ ބާވަތްތަކަށް ހުއްދަދިނުމުގެ މަސައްކަތްވެސް ދެވަނަ ފިޔަވަހީގައި ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވިއެވެ. ސަޢީދާ ވިދާޅުވީ އެކިކަހަލަ މުދަލަށް ޑިއުޓީ މާފްކުރުމުގެ ކަންކަން ވެސް "ޓްރޭޑިއަން" ޕްލެޓްފޯމްގެ ތެރެއިން ފަސޭހައިން ލިބޭނެގޮތް ހަމަޖެހިގެންދާނެކަމަށެވެ.
" މިކަހަލަ ޕްލެޓްފޯމެއް އޮތީމަ ސީ-ޓު އެއަރ ކާގޯގެ ފަދަ އަލަށް ތަޢާރަފްކުރެވޭ ޚިދުމަތްތައް ފުޅާކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ. އެއީ ރިއަލް ޓައިމްގައި މަޢުލޫމާތުތައް ލިބިގެން އެބަދޭ. މިކަހަލަ ޑިޖިޓަލް ޕްލެޓްފޯމެއް ވެގެންދާނީ އަލަށް ތަޢާރަފް ކުރެވޭ، ޚިދުމަތްތައްވެސް ފުޅާކޮށްގެން ކުރިއަށް ދިޔުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރަކަށް." ޓްރޭޑު ނެޓުގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ އުމަރު ވިދާޅުވިއެވެ.
"ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް ވައިގެ މަގުން ޚިދުމަތް ފޯރުކޯށްދިނުމަށްޓަކައި އެމްއޭސީއެލްއާއި ސިވިލްއެވިއެޝަން އޮތޯރިޓީއާއި ކަސްޓަމްސްފަދަ ތަންތަނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާކަމަށް ސައީޑާ ވިދާޅުވިއެވެ. އަދި ދެވަނަ ފިޔަވަހީގައި ތަންފީޒް ކުރަން ހުރި ކަންކަންކަމުގެ ބޮޑު ބައެއް ނިމިިފައިވާކަމަށާއި މިއަހަރުގެ ނިޔަލަށް އެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި އެއަރކްރާފްޓްތައް ރަޖިސްޓްރީ ކުރުމުގެ ޚިދުމަތް ދިނުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރޭޑިއަން ޕޯޓަލްގައި ރަޖިސްޓްރީވާން ހުޅުވާލީ މިއަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގައެވެ. މިހާތަނަށް ޝިޕިން އެޖެންޓުންގެ 58 އެޖެންޓުންނަށްވުރެ ގިނައިން ރަޖިސްޓްރީ ކޮށްފައިވާކަމަށާއި، ފްރައިޓް ފޯވާޑްގެ ތެރެއިން 70އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެފައިވާކަމަށް ޓްރޭޑްނެޓުން ވިދާޅުވިއެވެ.
ޓްރޭޑިއަން ފަރުމާކޮށްފައިވަނީ އިޤްތިޞާދީ ދާއިރާގެ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެންނެވެ.