ޚަބަރު

ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް


  • 2025 އޮކްޓޫބަރ 18 ގައި އެކްސްޕޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި

  • މިއަހަރު ރާއްޖޭގައި ފާހަގަކުރަނީ 16 ވަނަ ދަނޑުވެރިންގެ ދުވަސް

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް މިއަހަރުވެސް ގިނަ ހަރަކާތްތަކެއް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޝިއާރަކީ ރަނގަޅު ކާނާ އާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލަމާއެވެ.

މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރާނީ އެއްކޮށްކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ. ޤައުމީ ދަނޑުވެރިންގެ ދުވަހަކީ މި މަހުގެ 15ވަނަ ދުވަސް، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ މި މަހުގެ 16 އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަހަކީ މި މަހުގެ 4ވަނަ ދުވަހެއެވެ.

ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތެރިކަމާއި ހުނަރު ފާހަގަކޮށް، މި ދާއިރާގެ ވިޔަފާރިތައް ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤުޞަދުގައި އެ ވުޒާރާއިން، 2025 އޮކްޓޫބަރު 18 ގައި އެކްސްޕޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަހާއި ގުޅުވައިގެން ކުރެހުމުގެ މުބާރާތެއް ހުޅުވާލާފައިވާއިރު ދުނިޔޭގެ ޖަނަވާރުންގެ ދުވަހާއި ގުޅުވައިގެން ފޯރަމެއްވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.

ދަނޑުވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރެވެ. 2009ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޤައުމީ ފެންވަރެއްގައި ދަނޑުވެރިންގެ ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން މިއަހަރު ރާއްޖޭގައި ފާހަގަކުރަނީ 16 ވަނަ ދަނޑުވެރިންގެ ދުވަހެވެ.