ޚަބަރު

ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރި 17 ވަނަ އަތޮޅަކަށް އދ. އަތޮޅު


  • މުޅި ރާއްޖެއަށް ބޭންކިންގ ގެ ޚިދުމަތް ފުޅާކުރުމަށް ދަނީ މަސައްކަތްކުރަމުން

އަރިއަތޮޅު ދެކުނުބުރީ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން "މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މި މަޝްރޫއުގެ ދަށުން އދ. މަންދޫގައި ސެލްފް-ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ފަށައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް މިހާރު ވަނީ ގާއިމުކޮށްފައެވެ.

އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމާއެކު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތެއް ގާއިމުކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިފައިވާކަމަށެވެ.

"އދ. އަތޮޅަކީ ފަތުރުވެރިކަން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އަތޮޅަކަށްވެފައި އަޅުގަނޑުމެންގެ ޚިދުމަތްތައް މުޅި އަތޮޅަށް ފުޅާކުރުމުން މި އަތޮޅުގެ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. އަދި މާލީ ޚިދުމަތްތަކާއެކު އަތޮޅުގެ އިގްތިސާދު އިތުރަށް ކުރިއަރައިގެންދާނެ." ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 192 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 250 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތެއް ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ފޯރުކޮށްދެމުންނެވެ.