ޚަބަރު

ސީ-ޓު-އެއަރ ކާގޯ: މިދިޔަ މަހު 20 ޤައުމަކަށް 433 ޓަނުގެ މުދާ


  • 111 ޓީއީޔޫސްގެ މުދާ ވަނީ ފޮނުވާފައި

  • ޚިދުމަތް ދީފައިވަނީ 9 އެއަރލައިނަކާ ގުޅިގެން

ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް މިދިޔަ މަހު ރާއްޖެއިން 20 ޤައުމަކަށް މުދާ ފޮނުވާފައިވާކަމަށް އެމްޕީއެލުން ވިދާޅުވެއްޖެއެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތް އެމްއޭސީއެލްއާއި، އެމްޕީއެލް ގުޅިގެން ތަޢާރަފްކުރީ 15 މެއި 2024 ގައެވެ. މި ޚިދުމަތަށް އެންމެ ފުރަތަމަ ގުޅިފައިވަނީ ޓާކިޝް އެއަރލައިނެވެ. އެހެން ނަމަވެސް މިހާރު މި ޚިދުމަތާ ގުޅިފައިވާ އެއަރލައިންތަކުގެ އަދަދަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 9 އެއަރލައިންނަކުން ވަނީ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް ރާއްޖެއިން މުދާ ބޭރުކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން 433 ޓަނުގެ މުދާ ވަނީ ބޭރުކޮށްފައެވެ. މިއީ ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ، 111 ޓީއީޔޫސްއެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތުން ރާއްޖެއަށް ބޮޑު އާމްދަނީއެއް ދަނީ ލިބެމުންނެވެ. ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިޤްތިސާދަށް އެތައް މިލިޔަން ޑޮލަރު ވަދެފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުރަމުން އަންނަ، އަދި މިމަސައްކަތުން އެގައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެކެވެ.

މީގެ އިތުރުން، ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރުތައް ކުރާ ޤައުމަކަށްވާއިރު، މި ޚިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުޞަތުތައް ގިނަކަން އެމްޕީއެލްއިން ފާހަގަކުރެއެވެ.