ޚަބަރު

ތައިލޭންޑުގައި ފެންބޮޑުވެ 22 މީހުން މަރުވެއްޖެ


ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން ތައިލެންޑުގައި މަރުވި މީހުންގެ ޢަދަދު 22އަށް އިތުރުވެއްޖެއެވެ.

މޫސުމީ ވާރޭގެ ސަބަބުން ތައިލެންޑުގައި ފެންބޮޑުވެ، ކޯރުތަކުގެ ފެންގަނޑު ބަނޑުންވަމުންދާއިރު، އެ ޤައުމުގެ 19 ޕްރޮވިންސެއްގައި 370،000އަށްވުރެ ގިނަ މީހުންނަށް ވަނީ އެ ކަމުގެ ސަބަބުން އަސަރުކޮށްފައެވެ. ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތައް ލިބިފައި ވަނީ ބެންކޮކުގެ އުތުރުގައި އޮންނަ އުއްތަަރަދިތަށާއި އަޔުއްތަޔައަށެވެ. ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އޮކްޓޯބަރު މަހުގެ 6ވަނަ ދުވަހު ތައިލެންޑުގެ ބޮޑުވަޒީރު، އަނޫތިން ޗާންވީރަކުލް ވަނީ ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުން ލިބިފައިވާ 16 ޕްރޮވިންސަށް ވަގުތުން ވަގުތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމުރުކުރައްވައިފައެވެ. ފެންބޮޑުވުމުގެ ސަބަބުން ތައިލެންޑުގެ މެދުތެރެއާއި އުތުރާއި އުތުރު އިރުމަތީ ސަރަޙައްދުތަކުގައި 100،000އަށްވުރެ ގިނަ ގޭބިސީއަށް ގެއްލުން ލިބިފައިވެއެވެ. އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ އެއް ސަރަޙައްދުތަކަށްވާ އުއްތަރަދިތުގައި ފަސް މީހުން މަރުވެފައިވެއެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ދަނީ އުސް ސަރަޙައްދުތަކަށް ގޮސް ރައްކާތެރިކަން ހޯދޭތޯ މަސައްކަތް ކުރަމުންނެވެ.