ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދައްކަވަން ޖެހިވަޑައިގެންފައިވާ ލޯނުތަކަކީ ނިމިދިޔަ ދެ ވެރިކަމުގައި ނަންގަވާފައި ލޯނުތަކެއްކަމަށް މަހިބަދޫ ދައިރާގެ މެންބަރު އަހުމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.
މެންބަރު ޠާރިޤު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަހިބަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގެ ބަނގުރޫޓު ވެދާނެ ކަމަށް ކުރީގެ ވެރިން ހިމެނޭހެން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކައަށް އިޝާރާތް ކުރައްވާ މެންބަރު ޠާރިޤު ވަނީ އަންނަ އަހަރު ބޮޑު ދަރަންޏެއް ދައްކަންޖެހޭއިރު އެ ދަރަނި އުފެދިގެން އައި ގޮތަށް އަލިއަޅުވާފައެވެ. ޠާރިޤު ވިދާޅުވީ ރައީސް ޔަމީން ސަރުކާރުގައި ސަނީ ސައިޑް ނަމުގައި ބޭރުން 250 މިލިޔަން ޑޮލަރުގެ ބޮންޑެއް ނެގި ކަމަށާއި އަދި އެމްޑީޕީ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލާއި އަމިނިއްޔާ ސްކޫލު ރަހުނުކޮށް އެ ބޮންޑު ދެއްކުމަށާއި އިތުރު ފައިސާ ހޯދުމަށް ކޯވިޑުގެ ތެރެއިން ސްކޫކެއް ނެގި ކަމަށެވެ. މީގެއިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށްވެސް ކުރީ ސަރުކާރުތަކުން ލޯނުތައް ނަގާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ ހުރިހާ ދަރަންޏެއް ދައްކާ ހަލާސްކުރަމުންދަނީ ރައީސް މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހުކަމަށް ތާރިގު ވިދާޅުވިއެވެ.
ރާއްޖޭގެ ޢިޤްތިޞާދަށް އާމްދަނީ ގޮތުގައި ގާތްގަނޑަކަށް 1 ބިލިޔަން ޑޮލަރު ވަންނައިރު، ތެލަށް ޚަރަދު ކޮށްފައި، ލޯނު ދައްކަން އެކަށީގެންވާ މިންވަރެއް ނުހުންނަ ކަމަށް މެންބަރު ވިދާޅުވިއެވެ. މީގެ އިތުރުން ލޯނުތައް ދައްކަން ފަހަށް ރައްކާކުރަން ހެދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު ދިވެހި ފައިސާއަށް ނިމިދިޔަ ސަރުކާރުގައި ބަދަލުކުރުމާއެކު، އަދުގެ ސަރުކާރަށް އެކަމުންވެސް ލޯނު ދެއްކުމަށް ބުރަ އުފުލަން ޖެހުނުކަން މެންބަރު ފާހަގަކުރެއްވިއެވެ.
މެންބަރު ޠާރިޤު ވިދާޅުވީ މި ހުރިހާ ކަމެއް ދިމާވެގެން ދިޔައިރު، ކުރީގައި ވެރިކަން ކުރެއްވި ބައެއް ބޭފުޅުން ޤައުމު ބަނގުރޫޓު ވެދާނެ ކަމަށް ވިދާޅުވެ މިހާރު ވާހަކަ ދައްކަވަމުންދާކަމަށެވެ.
"މިދެންނެވި ވާހަކަ ދެއްކެވި ދެރައީސުންގެ ދަރަނި މިއަންނަ އަހަރު އަޅުގަނޑުމެން ދައްކަން ޖެހެނީ. އެއީ ރައީސް ޔާމީންގެ ދައުރުގައި ނަގާފައިވާ 250 މިލިޔަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑާއި ރައީސް ސާލީހުގެ ވެރިކަމުގައި އޭގެ މައްޗަށް ނަގާފައިވާ 250 މިލިޔަން ޑޮލަރު އެކުވެގެން ޖުމްލަ 500 މިލިޔަން ޑޮލަރުގެ ދަރަނި މިއަންނަ އަހަރު ރައީސް ދައްކަވަން ޖެހިވަޑައިގަންނަވަނީ. " މެންބަރު ޠާރިޤު ވިދާޅުވިއެވެ.
މި ދަރަނިތައް ހިމެނޭހެން ދެންވެސް ދައްކަން ހުރި ދަރަނިތައް ހިމަނައިގެން އަންނަ އަހަރު 800 މިލިޔަން ޑޮލަރު ދައްކަން ޖެހޭކަމަށް މެންބަރު ޠާރިޤު ވިދާޅުވިއެވެ. އޭނާ ވަނީ ދަރަނި ދެއްކުމަށްޓަކައި ސަރުކާރުން ބޭރު ފައިސާގެ ޤާނޫނަށް އިސްލާހު ގެނެސް ރިޒާވަށް ޑޮލަރު ވަންނަ ގޮތަށް އުސޫލުތައް ބަދަލުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އިންޑިއާއާއި ޗައިނާއާއެކު ބޭއްވި މަޝްވަރާތަކުން ދަރަނި ދެއްކުމަށް ސަރުކާރުން ލުއިތަކެއް ހޯދާފައިވާކަންވެސް ތާރިޤު ފާހަގަކުރެއްވިއެވެ.
"މިހާރު އަޅުގަނޑުމެން މިއަންނަ އަހަރު ބޭންކްރަޕްޓް ވެދާނެ ކަމަށް އޮތް ޝައްކުތައް ފިލައިފި. އެ ޝައްކުތައް ފިލުވާލުމަށްޓަކައި އަވަށްޓެރި ޤައުމުތައް، ޙާއްސަކޮށް އިންޑިއާއާއި ޗައިނާ މަޝްވަރާކުރުމަށް ފަހު އެ ޤައުމުތަކަށް ދައްކަން ޖެހޭ ލޯނުތަށް ލުއިތަކެއް ހޯއްދަވައި ދެއްވާ، މިއަންނަ އަހަރު ދައްކަންޖެހޭ 800 މިލިޔަން ޑޮލަރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއެކު ދެއްކުމަށް ފަހު އަދި ދެން ނުދެއްކެން އިން އަދަދު ކުރިން އެމްޑީޕީން ނަގާފައި އިން ލޯނުގެ ރޭޓަށް ވުރެ ކުޑަ ރޭޓެއްގައި ނަގައިގެން މާﷲ އިރާދަފުޅާއެކު ސަލާމަތް ވާނެ ކަމުގެ ފޮނި އުއްމީދު މިހާރު އަޅުގަނޑުމެންނަށް އެބައޮތް. " މެންބަރު ޠާރިޤު ވިދާޅުވިއެވެ.
މެންބަރު ވަނީ ސަރުކާރުން ގެނައި އިސްލާހުތަކުގެ ހެޔޮ ބަދަލެއް ރައްޔިތުންނަށް ފެންނާނީ އަންނަ އަހަރު ދައްކަން ޖެހޭ ؛ލޯނުތައް ދެއްކިގެން ފާހަގަކުރައްވާފައެވެ. އެގޮތުން ޑޮލަރުގެ އަގު ދައްކުރެވޭނީ ރިޒާވަށް ވަންނަ ޑޮލަރު ބޭންކުތައް މެދުވެރިކޮށް ދައުރުކުރެވިގެން ކަމަށްވާއިރު މިކަން ކުރުމަށްޓަކައި ލޯނުތައް ދައްކައި ނިންމަން ޖެހޭކަން ފާޙަގަކުރެއްވިއެވެ.
މެންބަރު ތާޜިޤު ވަނީ ރައީސް އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކަކީ މީގެ ކުރިން އެއްވެސް ވެރިއަކަށް އަޅުއްވަން ކެރިވަޑައިނުގެންނެވި ފިޔަވަޅުތަކެއްކަންވެސް ފާހަގަކުރައްވާފައެވެ.