ވިއެޓްނާމަށް އަނެއްކާވެސް ބާރުގަދަ ތޫފާނެއް އަރައި، ބޯކޮށްވާރޭވެހުމުގެ ސަބަބުން ވެރިރަށް ހަނޯއީގެ އެކި ހިސާބުތަކުގައި ފެންބޮޑުވެއްޖެއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި، ވިއެޓްނާމަށް އެރި ބާރުގަދަ ތޫފާނު "ބޫލޯއި"ގެ ސަބަބުން އެކި ހިސާބުތަކުގައި ފެންބޮޑުވެ، ހިނގި ހާދިސާތަކުގައި އެތައް ބަޔަކު މަރުވެފައިވަނިކޮށް، މިއަދު ވަނީ "މެޓްމޯ"ގެ ނަމުން ނަންދީފައިވާ ތޫފާނު އަރައިފައެވެ.
ތޫފާނާ އެކު ޚާއްސަކޮށް ހަނޯއީއަށް ކުރަމުންދާ ބޯވިއްސާރާގައި ގިނަ މަގުތަކުގައި ފެންބޮޑުވެ، އެއްގަމު އުޅަނދުތައް ނުދުއްވި، ދަތުރުފަތުރަށް ވަނީ ބުރޫއަރައިފައެވެ.
އެކަމުގެ ސަބަބުން ގިނަ ސްކޫލްތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވާދެމުންދާއިރު، މައި އެއާޕޯޓުގެ އުދުހުންތަކަށް ވެސް ބުރޫއަރައި، ބައެއް ފްލައިޓުތައް ކެންސަލްކޮށް، އަނެއް ބައި ފްލައިޓުތައް ފަސްކުރަންޖެހިފައެވެ.
ތޫފާނު ބޫލޯއީގެ ސަބަބުން ބައި ބިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ ގެއްލުން ވެފައިވާކަމަށް ވިއެޓްނާމްގެ ކަމާގުޅޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ. މިގޮތުން، 200،000 އަށް ވުރެ ގިނަ ގެދޮރަށް ގެއްލުންވެ، 50،000 އަށް ވުރެ ގިނަ ހެކްޓަރުގެ ދަނޑުބިންތައް ވަނީ ހަލާކުވެފައެވެ.
އަދި މިހާރު ކުރަމުންދާ ވިއްސާރާގައި އިތުރު ގެއްލުންތައް ލިބެމުންދާތީ، އެ އަދަދު އެތައް ގުނައަކުން އިތުރުވާނެކަމަށް ބެލެވެއެވެ.