މާފަރު ފަޅު ހިއްކާ އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރުމަށް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީއާ ހަވާލުކޮށްފިއެވެ.
މާފަރު ފަޅު ތަރައްޤީކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެ ފަޅު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު މޫސާ ޒަމީރުއެވެ. އަދި އެމްއޭސީއެލްއިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދުއެވެ.
މި މަސައްކަތް ކުރުމަށް އެމްއޭސީއެލްއާ ހަވާލުކުރުމުގެ އިތުރަށް ބިން ހިއްކުމުގެ ޢަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ. މާފަރު ފަޅަކީ މަހިބަދޫއާއި އޮމަދޫއާ ދެމެދު އޮންނަ ބޮޑު ފަޅެކެވެ. މާފަރު ފަޅު މަހިބަދޫގެ އިޙްތިޞާސްގެ ތެރޭގައި ހިމަނާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަދި މިދިަޔަ އހަރުގެ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަހިބަދޫ ކައުންސިލާ ބައްދަލުކުރައްވާ ވަނީ މާފަރު ފަޅުގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމުގައި ރައްޔިތުންގެ ޚިޔާލު ހިމެނުމަށް އެދިވަޑައިގެންފައެވެ.
މާފަރު ފަޅު ހިއްކާ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާއިރު ސަރުކަރުން ވަނީ ރާއްޖޭގެ 7 ސަރަޙައްދެއް އާރބަން ސެންޓަރތަކުގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައެވެ.