ޚަބަރު

ބަންގްލަދޭޝްގައި ހަލުވިކަމާ އެކު ޑެންގީ ފެތުރެނީ، 10 މަސްދުވަހުގެ ތެރޭގައި 215 މަރު


މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ޑެންގީ ބަލި ބަންގްލަދޭޝްގައި ފެތުރުން އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަމުގައި ބުނެ، ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން އިންޒާރު ކޮށްފިއެވެ. ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުން ހަލުވިކަމާ އެކު ފެތުރެން ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ޞިއްޙީ މާހިރުން ބުނީ، މަދިރި ކޮންޓުރޯލު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ޑެންގީ ހުން ކޮންޓުރޯލު ނުކުރެވޭ މިންވަރަކަށް އިތުރުވެގެންދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމުގައެވެ.

ބަންގްލަދޭޝްގެ ޢާންމު ޞިއްޙަތާ ބެހޭ މައި އިދާރާ، ޑިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް (ޑީގީއެޗްއެސު)ން ބުނީ، މި އަހަރުގެ މިހާތަނަށް ޑެންގީ ޖެހިފައިވާ 50,689 މީހުން ދެނެގަނެވިފައިވާ ކަމުގައެވެ. އަދި، ފާއިތުވި 10 ވަރަކަށް މަހުގެ ތެރޭގައި 215 މީހުން މި ބަލީގައި މަރުވެފައިވާ ކަމުގައެވެ.

ޖަހަންގީރްނޯގޫރް ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ކޮބީރުލް ބަޝާރު ވިދާޅުވީ، ސެޕްޓެންބަރު މަހުގެ ތެރޭގައި ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި މަދިރި އާލާވެފައިވާ މިންވަރު އެތަކެއް ގުނައަކުން އިތުރުވެފައިވާ ކަމުގައެވެ. އަދި، އެ ކަމުގެ ސަބަބުން މި ހިނގާ އޮކްޓޫބަރު މަހުގެ ތެރޭގައި ޑެންގީ ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަކަށް އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމުގައެވެ.

އޭނާ ވިދާޅުވީ، މަދިރި އުފެދޭ އަދި އާލާވާ ތަންތަން ނައްތައިލުމަށް ހިންގާ ކެމްޕޭންތަކަށް އެކި ސަބަބުތަކާ ގުޅިގެން ބުރޫ އަރާފައިވާ ކަމުގައެވެ. މި ގޮތުން، މޫސުމީ ބަދަލުތަކާއި، ވާރޭވެހޭ މިންވަރު ބަދަލުވުމުގެ އިތުރުން ޗުއްޓީ ދުވަސްވަރާއި ސަރުކާރުގެ ހިންގުން ދޯދިޔާވުމުގެ ސަބަބުން މަދިރި އާލާވުން ކޮންޓުރޯލު ކުރުމަށް ހިންގާ ކެމްޕޭންތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. "ވަގުތުންވަގުތަށް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ކޮންޓުރޯލު ނުކުރެވޭ މިންވަރަކަށް ހާލަތު ބަދަލުވެގެން ހިނގައިދާނެ،" އޭނާ އިންޒާރު ކުރެއްވިއެވެ.

ބަޝާރު ވިދާޅުވީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން މަދިރި އުފެދޭ އަދި އާލާވާ މޫސުމަށް ވެސް ބަދަލުތަކެއް އައިސްފައިވާ ކަމުގައެވެ. އަދި، ޢާންމުކޮށް މަދިރި އުފެދޭ ތަންތަން ނައްތައިލުމަށާއި، ފޮގު ކުރުން ނުވަތަ ދުންއެޅުމަށް ހިންގާ ކެމްޕޭނުތައް ދޯދިޔާވުމުގެ ސަބަބުން މަދިރި އާލާވުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމުގައެވެ. މީގެ ކުރިން އެންމެ ހަލުވިކަމާ އެކި ޑެންގީ ފެތުރޭ ކަމަށް ފާހަގަވެފައި ވަނީ އާބާދީ ބޮޑު ރަށްތަކުގައި ކަމުގައިވީ ނަމަވެސް، މިހާރު ރަށްފުށު ސަރަޙައްދުތަކުގައި ވެސް ޑެންގީ ބަލި ޢާންމުވަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ޑެންގީ ފެތުރުން ޢާންމުވެފައިވާ މި ދަނޑިވަޅުގައި، މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި އެހެން ބައްޔެއް ކަމުގައިވާ ޗިކުންގުންޔާ ފެތުރުން އިތުރުވުމާ އެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ވަނީ ބުރަ ބޮޑުވެފައެވެ. 2023ވަނަ އަހަރު ބަންގްލަދޭޝްގައި ޑެންގީ ބަލީގައި 1,700އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި، އެ އަހަރު 321,000އެއްހާ މީހުންނަށް މި ބަލި ޖެހިފައިވާ ކަން ރަސްމީ ރެކޯޑުތަކުން ދައްކައެވެ.