ޚަބަރު

ޣައްޒާ ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތައް ކުރިއަށް، ޔަހޫދީންގެ އަނިޔާވެރިކަމަށް ހުއްޓުމެއް ނެތް


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމާ ގުޅޭ މަޝްވަރާތައް މިޞްރުގެ ރިސޯޓު ރަށެއް ކަމުގައިވާ ޝަރްމް އަލް-ޝައިޚުގައި ފަށައިފިއެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސްވެރިންނާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ ނުރަސްމީ ނުވަތަ ނުސީދާ މަޝްވަރާތައް ވިލަރެސް ކުރަނީ މިޞްރާއި ޤަޠަރު އަދި އެމެރިކާ ގުޅިގެންނެވެ. ދެ ފަރާތުގެ ދެމެދުގައި މަޝްވަރާ ކުރަމުން ދަނީ ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމުގެ މަޤުޞަދުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ރޭވުމަށެވެ.

20 މާއްދާގެ މައްޗަށް އެކުލެވިގެންވާ ރޭވުމަށް ރުހޭ ކަން ޔަހޫދީން ވަނީ ހާމަކޮށްފައެވެ. އަދި، އޭގެ ގިނަ މާއްދާތަކަށް ޤަބޫލުވާނެ ކަމުގައި ޙަމާސުން ވެސް ވަނީ ބުނެފައެވެ. ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަކޮށް، މަރުވެފައިވާ އަސީރުންގެ ހަށިތައް ޔަހޫދީންނާ ޙަވާލު ކުރުމަށް އެއްބަސްވެފައެވެ. އަދި، ޔަހޫދީން ވަނީ ޖަލުތަކުގައި އަނިޔާ ކުރަމުން ގެންދާ ފަލަސްޠީނުގެ 1،000އަށްވުރެ ގިނަ ރައްޔިތުން މިނިވަން ކުރާނެ ކަމުގައި ބުނެފައެވެ.

ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އަދިވެސް ބޮޑެތި ދެބަސްވުންތަކެއް އެބައޮތެވެ. އޭގެ ތެރޭގައި، ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ސަހަރުން ފޭބުމާ ގުޅޭ ތާވަލަށް ޔަހޫދީން އެއްބަސްނުވުމާއި، ހަތިޔާރު ބެހެއްޓުމަށް ޙަމާސުން އިންކާރު ކުރަމުން ދިޔުން ފާހަގަކޮށްލެވެއެވެ.

"އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭ،" ޙަމާސާއި ޔަހޫދީންނާ ދެމެދު ނުރަސްމީ މަޝްވަރާތައް ފެށުމާ ގުޅިގެން ޓްރަމްޕް ވިދާޅުވިއެވެ. "އެއްބަސްވުމެއް އެކުލަވައިލެވުމުގެ ފުރުޞަތު ވަރަށް ބޮޑު، އެއީ ދެމެހެއްޓިނިވި ގޮތެއްގައި ތަންފީޒު ކުރެވޭނެ އެއްބަސްވުމަކަށް ވެގެން ދާނެ."

ޓްރަމްޕްގެ ރޭވުމުގެ ބައެއް މާއްދާތަކަށް އާނބަސްބުނާނެ ކަން ޙަމާސުން ހާމަކުރުމާ އެކު، އެ ޖަމާޢަތުން ދެމެހެއްޓިނިވި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުމަށް ބޭނުންވާ ކަމަށް ޤަބޫލު ކުރައްވާ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. އަދި، ޣައްޒާއަށް ބޮންއެޅުން ހުއްޓައިލުމަށް އޭނާ ވަނީ ޔަހޫދީންނަށް ގޮވައިލައްވާފައެވެ. ނަމަވެސް، ޔަހޫދީން އެ ގޮވައިލުމަށް އިޖާބަ ދީފައެއް ނެތެވެ.

ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީން ވަނީ ޣައްޒާގެ އެކި ކަންކޮޅުތަކަށް ނިރުބަވެރި ޙަމަލާތަކެއް އަމާޒުކޮށްފައެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތަކުގައި 19 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީއަށެވެ. އެ ރަށް އިސްތިޢުމާރު ކުރުމުގެ ނަމުގައި ޔަހޫދީން ދަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 67,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭ ވަރުވެފައިވާ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ.