ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރަމަށް ހުރަސްއެޅުމުގެ ގޮތުން، ވަކިވަކި ފުލުހުންނާއި ފުލުހުންގެ އާއިލާއަށް ބިރުދައްކައި، ނަފްރަތު އުފެދޭގޮތަށް ސޯޝަލް މީޑިއާގައި މަޢޫލޫމާތު ފަތުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދެއްވައިފިއެވެ. މި އިންޒާރު ފުލުހުން ދެއްވާފައިމިވަނީ، އޮކްޓޫބަރު 3ވަނަ ދުވަހު އެމްޑީޕީން އިންތިޒާމްކޮށްގެން ބޭއްވި އެއްވުން، ޤާނޫނާ ޚިލާފުވުމުގެ ސަބަބުން ހުއްޓުވުމަށް މަސައްކަތްކުރި ވަކިވަކި ފުލުހުންގެ މަޢުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކޮށް، އިންޒާރުދީ ބިރުދައްކާ މައްސަލަ ކުށްވެރިކުރައްވައި ނެރުނު ބަޔާނުގައެވެ.
ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައިި ވަނީ އެމްޑީޕީން އިންތިޒާމުކޮށްގެން ބޭއްވި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެ އޭގެތެރެއިން ބައެއް މީހުން ފުލުހުންނާއި ކުރިމަތިލައި، ގާނޫނާއި ޚިލާފު ހަރަކާތްތަކެއް ހިންގަންފެށުމުން، ފުލުހުން އެ އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމަށް މަސައްކަތްކުރިކަމަށް ވިދާޅުވެފައެވެ. ފުލުހުން ވަނީ ޤާނޫނާ ޚިލާފް އެ އަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރި ވަކިވަކި ފުލުހުންނާއި އެފުލުހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް، ހިންގަމުންދާކަންވެސް ފާހަގަކުރައްވާ އެ އަމަލުތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.
ފުލުހުން ނެރުނު ބަޔާނުގައި ވަނީ، ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެއޮފިސަރުންގެ އާއިލާއަށް ނަފްރަތު އުފެދޭގޮތަށް ސޯޝަލް މީޑިއާގައި މަޢޫލޫމާތު ފަތުރަމުންދާކަމަށް ވިދާޅުވެފައެވެ. ފުލުހުން ވަނީ އެ އޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެފަދަ ފަރާތަކާމެދު ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ. ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނުގައިވަނީ ދެއްވާފައެވެ.
ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތްކުރިނަމަވެސް، ގާނޫނީގޮތުން ފިޔަވަޅު އެޅޭނެކަންކަން ކަމުގައިވެސް ފުލުހުންގެ ޚިދުމަތުން ވަނީ ފާހަގަކުރައްވާފައެވެ.