ޚަބަރު

"ފޭސްތަކަކަށް ބަހާލައިގެން ސްކޭޓް ޕާކް އިތުރަށް ތަރައްގީކުރާނެ"


  • ސްކޭޓް ޕާކު ބެލެހެއްޓުން ވަނީ ސްކޭޓް މޯލްޑިވްސްއާއި ހަވާލުކޮށްފައި

  • ތަނަށް ބަދަލެއް ގެންނަންޖެހިއްޖެ ނަމަ އެމަސައްކަތްކުރާނީ ކުޅިވަރު ވުޒާރާއިން

މުޅިން އަލަށް މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްގީކުރި ސްކޭޓް ޕާކް އިތުރަށް ފުރިހަމަކުރުމަށްޓަކައި ފޭސްތަކަކަށް ބަހާލައިގެން އެތަން ތަރައްގީކޮށްދެއްވުމުގެ ވިސްނުން ގެއްގުޅުއްވާކަމަށް ކުޅިވަރާ ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ސްކޭޓް ޕާކް ހުޅުއްވައިދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ އަލަށް ބިނާކުރެވުނު ސްކޭޓް ޕާކު ގިނަދުވަހަށް ހުންނާނެފަދަ ގޮތަކަށް އެތަނުގެ ކަންކަން މިނިސްޓްރީގެ ފަރާތުން ވަރަށް ގާތުން ބައްލަވާނެކަމަށެވެ. ސްކޭޓް ޕާކު ބެލެހެއްޓުން ސްކޭޓް މޯލްޑިވްސްއާއި ހަވާލުކޮށްފައިވާއިރު އެތަނުގެ މެއިންޓަނެންސް މަސައްކަތާއި ތަނަށް ބަދަލެއް ގެންނަންޖެހިއްޖެ ނަމަ އެމަސައްކަތްކުރާނީ ކުޅިވަރު ވުޒާރާއިންކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްކޭޓަރުންގެ އުންމީދުތަކާ ގުޅިފައިވާ ސްކޭޓް ޕާކް އިތުރަށް ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެމުންދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ އެމަސައްކަތް ކުރިއަށްދާނީ އެކި ފޭސްތަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ތަނަށް ގެންނަންޖެހޭ އިތުރު ބަދަލުތަކާ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތްތައް ސްކޭޓް ޕާކުގެ ތަރައްގީގައި ހިމަނާފައިވާނެކަމަށް ވަޒީރު މައުލޫމާތުދެއްވިއެވެ.

"މިތަނަށް އިތުރު ވަސީލަތްތައް އިތުރުކުރުމަކީވެސް އަޅުގަނޑުމެންގެ ޕްރޮގްރާމުގަ ވާކަމެއް، ފޭސް ޓޫއަށް ބަހާލައިގެން. އަދި އޭގެ ފަހުން ފޭސް ތްރީއެއްވެސް އައުން އެކަށީގެންވޭ. އެއީ މިކަހަލަ ކަންތައްތަކަކީ އިތުރަށް ފުޅާކޮށް، އިތުރު ފުރިހަމަ ކަމެއް ގެނެވިދާނެ ތަންތަން މިއީ. އެހެންވީމަ އިރާދަކުރެއްވިއްޔާ އެ ފުރިހަމަކުރުން އަޅުގަނޑުމެންވާނީ ޕްރޮސެސްއެއްގެ ތެރެއިން ކުރިއަށްދާގޮތަށް" ވަޒީރު ވިދާޅުވިއެވެ.

އިންލައިން ސްކޭޓް ކުރާ ފަރާތްތަކަށް ހާއްސަ ލޭނަކާއި ސްކޭޓް ބޯޑް ދުއްވުމަށް ވަކިން ސަރަހައްދެއް ހިމެނޭގޮތަށް ބިނާކޮށްފައިވާ ސްކޭޓް ޕާކަކީ މިހާރުވެސް ރަނގަޅު ފެންވަރަކަށް ފަރުމާކޮށްފައިވާ ތަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސްކޭޓް ޕާކު ރަސްމީކޮށް ހުޅުވުމާއެކު އެތަނުގައި މިހާރުވެސް ފަރިތަކުރުންތައްދާކަމަށާ މިއީ އުފާވެރި މަންޒަރެއްކަމަށް ވަޒީރު ސިފަކުރެއްވިއެވެ.

ސްކޭޓްކުރާ ފަރާތްތަކަށް ހުރި ދަތިތަކަށް ނިމުމެއް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޔަގީންކަމާއެކު އަލަށް ބިނާ ކުރި ސްކޭޓިންގ އެރީނާގެ ބިންގާ އަޅައިފައިވަނީ ފާއިތުވެދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މިތަނަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)ގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.