އދ. ފެންފުށި ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކޮށް ފެންވަރު ރަނގަޅު ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެންފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ފުޓްބޯޅަ ދަނޑުގެ ވަށައިގެން ދުވާ ޓްރެކެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާފައެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއު ނިމިގެންދާއިރު ފުޓްބޯޅަ ދަނޑުގައި ރޭގަނޑުވެސް ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވޭނެ ކަމަށެވެ. އަދި މި ސަރުކާރުން ވަނީ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައިދީފަކަން ރައީސް ފާހަގަކުރެއްވިއެވެ.
”ފުޓްބޯޅަ ދަނޑު ކަންތަކުގައި އަޅުގަނޑު ހަމަ ދަންނަވާލަން. އަޅުގަނޑުމެން މިހާރު ރަށްރަަށުގައި ދަނޑުތައް އެއީ ކޮންމެ ކުޅިވަރަކާއި ގުޅޭ ދަނޑެއްވިޔަސް ހަދާއިރު މި ހަދަނީ ރޭގަނޑު ލައިޓްވެސް ޖެހޭ ގޮތަށް. މިރަށުގައި އަޅުގަނޑުމެން މިއޮތީ މި ސަރުކާރުން ޓާފްގެ މަސައްކަތް ނިންމާފަ. މިއަދު މި ހަވާލުކުރީ ޓްރެކް. ޓްރެކްގެ މަސައްކަތް ނިމިގެންދާއިރުގައި ދަނޑުގައި ލައިޓްވެސް ހަރުކުރެވި ރޭގަނޑު ކުޅެވޭ ގޮތަށް ބަދަލުވެގެންދާނެ“ ރައީސް ވިދާޅުވިއެވެ.
ފެންފުށި ފުޓްބޯޅަ ދަނޑުގެ ވަށައިގެން ދުވާ ޓްރެކެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިޢުއާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީ އާއި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމެވެ.