ސްވީޑަންގެ މަޝްހޫރު އެކްޓިވިސްޓު، ގްރިއެތަ ތުންބަރީ ހިމެނޭހެން ޣައްޒާ ޙިޞާރު ފޫއަޅުވައިލަން މަސައްކަތްކުރި ގްލޯބަލް ޞުމޫދު ފްލޮޓިއްލާ، (ޖީއެސްއެފް)ގެ އުޅަނދުތަކުގައި ދަތުރުކުރި އިތުރު 170 މީހުން ގްރީސްއާއި ސްލޮވޭކިޔާއަށް ފޮނުވާލައިފިއެވެ.
ޞުމޫދް ފްލޮޓިއްލާ ގެ އުޅަނދުތައް ޣައްޒާއަށް ދަތުރު ފަށާފައި ވަނީ އޮގަސްޓު މަހުގެ ފަހުކޮޅެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންދާއިރު، ޖީއެސްއެފުން މަސައްކަތް ކޮށްފައި ވަނީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. ޖީއެސްއެފްގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރި މީހުންގެ ތެރޭގައި 44 ޤައުމަކަށް ނިސްބަތްވާ 500އަށްވުރެ ގިނަ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. ފްލޮޓިއްލާގައި ހިމެނޭ ބޯޓުތައް ޣައްޒާއާ ކައިރިވުމުން ޔަހޫދީން ވަނީ އެ އުޅަނދުތައް ހުއްޓުވައި އޭގައި ތިބި މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރެެއިން ބައެއް މީހުން މީގެ ކުރިން ވަނީ ބައެއް ޤައުމުތަކަށް ފޮނުވާލައިފައެވެ.
އެންމެ ފަހުން ޤައުމުތަކަށް ގެންގޮސްފައިވާ 170 މީހުންނާއެކު ހައްޔަރުކުރި 479 މީހުންގެ ތެރެއިން ޖުމްލަ 341 މީހުން މިހާރު ވަނީ އެކި ޤައުމުތަކަށް ފޮނުވާލައިފައެވެ. އެންމެ ފަހުން ފޮނުވާލާފައި ވަނީ ގްރީސްއާއި އިޓަލީވިލާތާއި ފަރަންސޭސިވިލާތާއި އަޔަލެންޑާއި ސްވީޑަންއާއި ޕޮލެންޑާއި ޖަރުމަންވިލާތާއި ބަލްގޭރިޔާއާއި ލިތުއޭނިޔާއާއި އޮސްޓްރިޔާއާއި ލަކްސަމްބަރގްއާއި ފިންލެންޑާއި ޑެންމާކާއި ސްލޮވޭކިޔާއާއި ސްވިޒަލެންޑާއި ނޯވޭއާއި އިނގިރޭސިވިލާތާއި ސަރބިޔާއާއި އެމެރިކާއަށް ނިސްބަތްވާ މީހުންނެވެ.
ޖީއެސްއެފްގައި ބައިވެރިވި އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ސްޕެއިންއާއި ސްވިޒަލެންޑަށް ނިސްބަތްވާ މީހުން ވަނީ ޔަހޫދީންގެ ހައްޔަރުގައި އެ މީހުން ތިބި އިރު ޔަހޫދީ ސިފައިން އެ މީހުންނާ މެދު ކަންތައް ކޮށްފައިވާ އިހާނެތި ގޮތްތައް ކިޔައިދީފައެވެ. ސްވިޒަލެންޑަށް ފޮނުވާލި އެ ޤައުމުގެ ނުވަ ރައްޔިތުންގެ ތެރެއިން ބައެއް މީހުން ބުނީ ޔަހޫދީންގެ ހައްޔަރުގައި އެ މީހުން ތިބި އިރު ޔަހޫދީ ސިފައިން އެ މީހުން ނިދުމަށް ހުރަސްއެޅި ކަމަށާއި ފެނާއި ކާބޯތަކެތި ފޯރުކޮށްދީފައި ނުވާ ކަމަށެވެ. ބައެއް މީހުންނަށް އަނިޔާކޮށްފައިވާ ކަމަށާއި ކޮށްޓަކަށް ލައި ތަޅުލާފައިވާ ކަމަށް ވެސް އެ މީހުން ބުނެފައިވެއެވެ.
ސްޕެއިންގެ އެކްޓިވިސްޓުން ވެސް ބުނީ އެ މީހުންނާ މެދު ޔަހޫދީން ޢަމަލުކޮށްފައި ވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ. އެ ގޮތުން އެ މީހުން ގައިގައި ތަޅައި، ބިމުގައި ދަމައި، އަތާއި ފައި ބަނދެ، ކޮށިކޮށްޓަށް ލައި ހުތުރު ބަހުން އެއްޗެހި ގޮވައި މަލާމާތްކޮށްފައިވާ ކަމަށް އެ މީހުން ވަނީ ބުނެފައެވެ. ސްޕެއިންގެ ނޫސްވެރިން ކަމަށްވާ ކާލޮސް ޑީ ބެރޮންއާއި ނެސްޓޮރ ޕްރިއެޓޯ ބުނިީ ޤައުމަށް އަނބުރާ ފޮނުވާލާފައިވާ އެކްޓިވިސްޓުންގެ ބަދަލުގައި ޔަހޫދީ ސިފައިން ބަޔާނެއްގައި ސޮއިކޮށްފައިވާ ކަމަށާއި އެ މީހުން ޤާނޫނާ ޚިލާފަށް ޔަހޫދީ ދައުލަތަށް އެތެރެވެފައިވާ ކަމަށް ބަޔާނުގައި ލިޔެފައިވާ ކަމަށެވެ.
ސްވީޑެންއަށް ނިސްބަތްވާ އެކްޓިވިސްޓުން ބުނީ ޔަހޫދީންގެ ބެލުމުގެ ދަށުގައި ތުންބަރީ ހުރިއިރު ޔަހޫދީ ސިފައިން އެޭނާ ކޮށްޕައި، އިސްރާއީލުގެ ދިދައެއް އޭނާގެ ގައިގައި އޮޅުމަށް މަޖުބޫރުކޮށްފައިވާ ކަމަށެވެ. ބަންދުގައި ބޭތިއްބި ބައެއް އެހެން އެކްޓިވިސްޓުން ބުނީ އެ މީހުންނަށް ވެސް ސާފު ކާބޯތަކެއްވާއި ފެން ނުދީ ހިފަހައްޓާފައިވާ ކަމަށާއި އެ މީހުންގެ ބޭހާއި އެހެނިހެން ސާމާނު އަތުލާފައިވާ ކަމަށެވެ.
ފްލޮޓިއްލާގައި ދަތުރުކުރި ސްޕެއިންގެ ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ މެންބަރެއް ކަމަށްވާ އަދަ ކޮލައު ބުނީ ޔަހޫދީން ފްލޮޓިއްލާގައި ދަތުރުކުރި މީހުންނާ މެދު އިހާނެތިކޮށް ޢަމަލުކޮށްފައިވާ ނަމަވެސް އެ މީހުންނާ މެދު ކަންކުރި ގޮތް ފަލަސްޠީނުގެ ރައްޔިތުންނަށް ކޮންމެ ދުަވަހަކު ދެމުންދާ ލާއިންސާނީ އަނިޔާތަކާ ގާތް ވެސް ނުކުރާ ކަމަށެވެ.