ޚަބަރު

25 ސްކޫލެއްގެ ދަރިވަރުންނާއެކު އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިއަށްދަނީ


އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025 ފަށައިފިއެވެ. މާލޭ އެކުވެނި ސިންތެޓިކް ޓްރެކުގައި ކުރިއަށްދާ މި މުބާރާތުގައި 25 ސުކޫލަކުން 1000 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްފައިވާ މި މުބާރާތް ކުރިޔަށްދާނީ މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށެވެ.

މި މުބާރާތުގައި ކުރިޔަށްދާ އިވެންޓްތަކުގެ ތެރޭގައި 80 މީޓަރު، 100 މީޓަރު، 200 މީޓަރު، 400 މީޓަރު، 800 މީޓަރު، 1000 މީޓަރު، 3000 މީޓަރު އަދި 5000 މީޓަރުގެ ދުވުން ހިމެނެއެވެ.

މީގެ އިތުރުން ރިލޭއާއި ހާޑްބޯލް ތްރޯއާއި ހާޑްލްސްއާއި ހައި ޖަމްޕާއި ލޯންގް ޖަމްޕާއި ޓްރިޕްލް ޖަމްޕް ހިމެނެއެވެ. އަދި ޝޮޓްޕުޓްއާއި ޖެވެލިންއާއި ޑިސްކަސް ތްރޯ ހިމެނެއެވެ.

އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 13 އަހަރުން ދަަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 20 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުން އެކި އިވެންޓްތައް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި އަންހެން އަދި ފިރިހެން ކެޓަގަރީން ޖުމްލަ 110 އިވެންޓް ކުރިޔަށް ދާނެއެވެ.