ޚަބަރު

ފެންފުށީ ސްކޫލްގެ މަޝްރޫޢު އަންނަ ދިރާސީ އަހަރުގެ ކުރިން ނިންމައިދޭނަން: ރައީސް


  • އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފެއްޓެވި

  • ސިއްޙީ މަރުކަޒުގެ އައު ޢިމާރާތެއް ޤާއިމްކޮށްދޭނެ

  • ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް އަންނަ އަހަރު ފަށާނެ

އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ހިންގާ މަޝްރޫޢު އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ފެންފުށީ ރައްޔިތުންނާއެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ މިދަތުރުފުޅުގެ ތެރެއިން ފެންފުށީގައި ފެށި މަޝްރޫޢުތަކަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން ކުރިއަށްގެންދަވާނެ މަޝްރޫޢުތަކެއްކަމަށެވެ. އަދި މި މަޝްރޫޢުތަކާއެކު ފެންފުއްޓަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިނަށް ބަދަލުތަކެއްގެނެސް ރައްޔިތުން ބޭނުންވާގޮތަށް މަޝްރޫޢު ހިންގަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެރަށުގައި މިސްކިތެއް ބިނާކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ހިނަވާގެއެއްވެސް ޤާއިމްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ފެންފުށީގެ ސިއްޙީ ނިޒާމު ކުރިއެރުވުމަށްވެސް މަސައްކަތްތަކެއް ކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިއްޙި މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކޮށް އައު ޚިދުމަތްތައް ޤާއިމްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ޕްރޮޖެކްޓް ސްކޯޕަށް ބަދަލުތަކެއްގެނެސް ރައްޔިތުން އެދޭ ފެންވަރަށް ތަނުގެ ޚިދުމަތްތައް ފުޅާކޮށްދެއްވިގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފެންފުށީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށްޓަކައި، މިހާރު ހުއްޓިފައިވާ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ނިންމަވައިދެއްވާނެކަމަށެވެ. އަދި އައު މަޝްރޫޢެއްގެ ގޮތުގައި މަލްޓިޕަރޕަސް ހޯލް ތަރައްޤީކުރުމާއި، ކްލާސްރޫމްތައް އޭސީކުރުމުގެ މަސައްކަތް ފެންފުށީގައިވެސް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެރަށުގައި ދުވާ ޓްރެކެއް ޤާއިމްކުރުމުގެ އިތުރަށް ފުޓުބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެހެން ލައިޓްތައްވެސް ޤާއިމްކޮށްދޭނެކަމަށެވެ.

ރަށުގެ ނަރުދަމާ މަޝްރޫޢު ހުއްޓިފައި އޮތްއޮތުމަށް އިޝާރަތްކުރައްވާ ރައީސް ވިދާޅުވީ، މިއީ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ މައްސަލައެއްކަމަށެވެ. ސަރުކާރުގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ އެއްވެސް މައްސަލައެއް ކުރިމަތިނުވި ނަމަވެސް މަޝްރޫޢުތައް ހުއްޓިފައި އޮތުން އެއީ ކަންބޮޑުވާކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިގޮތަށް ހުރި މަޝްރޫޢުތައް ފާހަގަކޮށް ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތައް ބާޠިލުކޮށް، އަލުން އެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

1200 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ފެންފުއްޓަކީ ގާތްގަނޑަކަށް 40 ހެކްޓަރުގެ ރަށެކެވެ.