ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން އެންމެ ފަހުގެ މަޝްވަރާތައް ވިލަރެސް ކުރުމަށް މިޞްރުން ތައްޔާރުވެއްޖެއެވެ. ޔަހޫދީންނާ އެކު ބާއްވާ ނުރަސްމީ މަޝްވަރާތަކުގައި ބައިވެރިވުމަށް ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސްވެރިންގެ ވަފުދެއް ވަނީ މިޞްރަށް ދަތުރު ކޮށްފައެވެ.
ޔަހޫދީންގެ ޤަތުލުޢާންމު ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް އަލުން ފެށުމަށް ތައްޔާރު ކުރަމުން މި ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުންނެވެ. ބައްދަލުވުންތަކުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވަނީ އޭނާ ހުށަހަޅުއްވާފައިވާ 20 މާއްދާއެއްގެ މައްޗަށް އެކުލެވިގެންވާ ރޭވުމަކަށެވެ. މަޝްވަރާތަކުގައި ބައިވެރިވުމަށް ޒަޔަނިސްޓު ދައުލަތުގެ ވަފުދެއް ވެސް މިއަދުގެ ވަގުތެއްގައި މިޞްރުގެ ރިސޯޓު ރަށެއް ކަމުގައިވާ ޝަރްމް އަލް-ޝައިޚަށް ދަތުރު ކުރާނެއެވެ.
ޓްރަމްޕްގެ ހުށަހެޅުމަށް ރުހޭނެ ކަމުގައި ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ ބުނެފައެވެ. އަދި، ޙަމާސުން ވެސް ވަނީ ޓްރަމްޕްގެ ހުށަހެޅުމުގެ ބައެއް މާއްދާތަކަށް ޤަބޫލުވާނެ ކަމުގެ އިޝާރާތެއް ދީފައެވެ. ދެމެހެއްޓިނި ގޮތެއްގައި ސުލްޙަ ގާއިމު ކުރުމަށް ޙަމާސުން ބޭނުންވާ ކަމަށް ޤަބޫލު ކުރައްވާ ކަމުގައި ވިދާޅުވެ، ޓްރަމްޕް ވަނީ ޣައްޒާއަށް ބޮންއެޅުން ހުއްޓައިލުމަށް ޔަހޫދީންނަށް ގޮވައިލައްވާފައެވެ. ނަމަވެސް، ޔަހޫދީ ފައުޖުން އެ ގޮވައިލުމަށް އިޖާބަ ދީފައެއް ނެތެވެ. އެންމެ ފަހުން ދިން ޙަމަލާތަކުގައި ވެސް 19 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.
"އަޅުގަނޑަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހަފުތާގެ ތެރޭގައި ފުރަތަމަ މަރުޙަލާއަށް އަމަލު ކުރަން ފެށޭނެ، [އެ ކަން] އަވަސް ކުރުމަށް އަޅުގަނޑު މި ދަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަމުން،" މަޝްވަރާތައް ކާމިޔާބުވާނެ ކަމުގެ އުންމީދު ފާޅު ކުރައްވަމުން ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް، އޭނާގެ ސަރުކާރުގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯގެ ވިސްނުން ތަފާތެވެ. "ޙަމާސުން މި ކަމާ މެދު ސީރިޔަސް ކަން ނުވަތަ ނޫން ކަން ދާދި އަވަހަށް އަޅުގަނޑުމެންނަށް ސާފުވެގެން ދާނެ، އަދި [އެއްބަސްވުން] ތަންފީޒު ކުރުމާ ގުޅޭ ފަންނީ މަޝްވަރާތައް ކުރިއަށް ދާނެ ގޮތެއް ފެނިގެން ދާނެ،" ރޫބިޔޯ ވިދާޅުވިއެވެ.
ޓްރަމްޕްގެ ހުށަހެޅުމުގެ ފުރަތަމަ މަރުޙަލާގައި ހިމެނެނީ، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކުރުމެވެ. އަދި، މަރުވެފައިވާ އަސީރުންގެ ހަށިތައް ޔަހޫދީންނާ ޙަވާލު ކުރުމެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި 48 އަސީރުން ތިބި ކަމުގައި ބެލެވޭއިރު، އޭގެ ތެރެއިން މި ވަގުތު ދިރިތިބި ކަމަށް ބެލެވެނީ 20 މީހުންނެވެ. ޙަމާސުން ވަނީ އެއްބަސްވެފައެވެ. ގިނަ އަދަދެއްގެ އަސީރުން މަރުވެފައި ވަނީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތަކުގައި ކަމުގައި ޙަމާސުން ބުންޏެވެ. އަސީރުން މިނިވަން ކުރުމުގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ 1,000އަށްވުރެ މީހުން ވެސް މިނިވަން ކުރެވޭނެއެވެ.
މިޞްރުގައި ކުރިއަށްދާ މަޝްވަރާތަކުގައި ޙަމާސް ޖަމާޢަތް ތަމްސީލު ކުރައްވާނީ ޚަލީލް އަލް-ޙައްޔަތީއެވެ. މިއީ، އޭނާ ޝަހީދު ކޮށްލުމުގެ ހީލަތްތެރި ނިޔަތުގައި ހުސްވި މަހު ޔަހޫދީން ޤަޠަރުގެ ވެރިރަށް ދަވްޙާއަށް ނިރުބަވެރި ޙަމަލާތަކެއް ދިން ފަހުން އޭނާ މިޞްރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަސީރުން މިނިވަން ކުރުމަށް ރުހޭނެ ކަމުގައި ޙަމާސުން ބުނެފައިވީ ނަމަވެސް، ހަތިޔާރު ބެހެއްޓުމަށް އެ ޖަމާޢަތުން ދަނީ އިންކާރު ކުރަމުންނެވެ.