ޚަބަރު

ދަނގެތީ ބިން ހިއްކުމާއި ބަނދަރުގެ މަޝްރޫޢު ރައްޔިތުން އެދޭގޮތަށް ހިންގައިދޭނަން: ރައީސް


  • ބިން ހިއްކުމާއި ބަނދަރުގެ މަޝްރޫޢު އަވަސް މިނެއްގައި ހިންގައިދެއްވާނެކަމަށް ވިދާޅުވި

  • އަންނަ އަހަރުގެ މާރިޗުމަހުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދެއްވާނެކަމަށްވެސް ވިދާޅުވި

އދ. ދަނގެތީ ބިންހިއްކުމުގެ މަޝްރޫޢާއި، ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާގޮތަށް ބާރުދުވެލީގައި ހިންގަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ އދ. ދަނގެތީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދަނގެތީ ސްކޫލު ހޯލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަތޮޅުތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ އެންމެ ބޮޑު ބޭނުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައި، ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ވީހާވެސް ގާތުން އޮޅުންފިލުއްވުމަށްކަމަށެވެ.

ރައީސް ވިދާޅުވީ، ދަނގެތީ ސްކޫލުގެ އައު އިމާތާރުގެ މަސައްކަތަކީ ރަށުގެ ތަޢުލީމީ ދާއިރާއަށް މިވަގުތަށް ވަރަށް މުހިންމު މަޝްރޫޢެއްކަމަށެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގަތްގޮތަށް ސްކޫލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށި، ވަރަށް ބާރު މިނެއްގައި މަޝްރޫޢު ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"ސްކޫލުގެ އައު އިމާރާތާއެކު ދަރިވަރުންނަށާއި، މުދައްރިސުން އަދި ބެލެނިވެރިންނަށްވެސް ވަރަށް ބޮޑު ފަސޭހައެއްވެގެންދާނެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ސްކޫލްތައް އޭސީކުރުމަށް ހިންގާ މަޝްރޫޢުގެ ތެރެއިން ދަނގެތީ ސްކޫލުގެ ކްލާސްރޫމުތަކާއި، ހޯލުވެސް އޭސީ ކުރެވިގެންދާނެކަމަށެވެ.

ދަނގެތީ ބިން ހިއްކުމުގެ މަޝްރޫޢަށް އިޝާރަތްކުރައްވާ ރައީސް ވިދާޅުވީ، މިއީ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައާއި އުމްރާނީ އިޤްތިޞާދީ ކުރިއެރުމާ ގުޅިފައިވާ މަޝްރޫޢެއްކަމަށެވެ. ހަމައެހެންމެ ރަށުގެ ބަނދަރުގެ މަސައްކަތްވެސް ރައްޔިތުން ބޭނުންވާގޮތަށް ޑިޒައިންކޮށް ރޭވި ކުރިއަށްގެންދެވޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. މީގެ އިތުރުން ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށްދިނުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން މިރަށުގައި ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި ރަށުގައި ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތަރައްޤީކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދަނގެތީ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. ދަނގެއްޗަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ހިންގަމުން އަންނަ ރަށެއްކަމުން އަންނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި މާރިޗުމަހުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ދަނގެތީގައި ޤާއިމުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ދަނގެތީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަލްޗަރަލް ސެންޓަރުގެ މަސައްކަތްވެސް އަވަސްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިހުރިހާ މަޝްރޫޢުތަކަކީވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަށްގެންދަވާނެ މަޝްރޫޢުތަކެއްކަމަށާއި، މިކަންކަން ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދަނގެތީ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

މި ބައްދަލުކުރެއްވުމުގެ ތެރެއިން ވަނީ ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ އަދި ދަނގެތީ ސްކޫލުގެ 10 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލު ހިމެނޭހެން ތަރައްޤީކުރާ އައު އިމާރާތުގެ މަސައްކަތް ފަހިދިރިއުޅުން ކޯރޕަރޭޝަނާ ޙަވާލުކޮށްފައެވެ. ހާހަކަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ދަނގެއްޗަކީ 25 ހެކްޓަރުގެ ރަށެކެވެ.