ކުރިޔަށް އޮތް އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި ތަޖިކިސްތާނާއި ދެކޮޅަށް ކުޅޭ މެޗަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ކީޕަރު ހުސެއިން ޝަރީފް ހިމަނައިފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަނުން އިއުލާނުކޮށްފައިވާ ސްކޮޑްގައި ކީޕަރު ހުސެއިން ހިމަނާފައިވަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ލީގުގައި ކުޅެން ފެށުމުންނެވެ.
ތަޖިކިސްތާނާއި ދެކޮޅަށް ކުޅޭ މެޗަށް ޤައުމީ ޓީމުގެ ފަރިތަކުރުންތައް މިދިޔަ ހުކުރުދުވަހުގެ ރޭ ފަށާފައިވާއިރު އެންމެ ފަހުން ޤައުމީ ޓީމުން ކުޅުނު ސައުތު އޭޝިއަން ސުޕަ ކަޕްގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ޓީސީ ސްޕޯޓްސް ކުލަބުގެ ޑިފެންޑަރ ހަސަން އީނާޒް ވަނީ ޓީމުން ބާކީކޮށްފައެވެ.
ހުސެއިން ސައުތު އޭޝިއަން ސުޕަ ކަޕްގެ ސްކޮޑްގައި ނުހިމެނީ އޭނާގެ އަތަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރުމުންނެވެ. ފަރުވާއަށްފަހު ހުސެއިން ކުޅުމުގެ ތެރެއަށް އަލުން އައީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއިން ބުރު ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.
ހުސެއިންގެ އިތުރުން ތަޖިކިސްތާން މެޗަށް ނެގި ސްކޮޑްގައި ހިމެނޭ އަނެއް ދެ ކީޕަރުންނަކީ އަނިޔާއަށްފަހު ސައުތު އޭޝިއަން ސުޕަ ކަޕްގައި ރާއްޖޭގެ ގޯލު ބެލެހެއްޓި މުހައްމަދު ފައިސަލް އާއި މުހައްމަދު ޔާމީންއެވެ.
އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖެއިން ތަޖިކިސްތާނާއި ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު އޮންނާނީ މިމަހުގެ 9 ވަނަ ދުވަހު ތަޖިކިސްތާނުގައެވެ. ދެވަނަ މެޗު އޮންނާނީ މިމަހުގެ 14 ގައި ގަލޮޅު ދަނޑުގައެވެ.