ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ޅ. ނައިފަރުގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެމަނިކުފާނުގެ މިސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެންބަރުމަހުގެ 16ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި ޚިދުމަތް ފަށަމުން އަންނައިރު މާލޭގެ އިތުރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ. ނަމަވެސް މިމަހުގެ ނިޔަލަށް މި ޚިދުމަތް ރާޢްޖޭގެ ހުރިހާ އަތޮޅެއްގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މޯލްޑިވްސް އިމްރޭޝަނުން ވިދާޅުވީ ރައީސްގެ ވަޢުދާއެއްގޮތަށް މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ޚިދުމަތް ނުފެށި އޮތީ މިހާރު އެންމެ އަތޮޅެއްގައެވެ. އެއީ އދ. އަތޮޅުގައިކަމަށާއި އެއަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމްކުރަނީ މަހިބަދޫގައިކަމަށް ވިދާޅުވިއެވެ.
ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށުމާއެކު އަތޮޅުތެރެއިން މާލެއަށް ޕާސްޕޯޓުގެ ޚިދުމަތް ހޯދުމަށް ރައްޔިތުންކުރި ދިގު ދަތުރުތަކަށް ނިމުން އަންނާނެއެވެ. އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި އެކަމަށް ޚާއްސަކޮށްފައިވާ ރަށުން ފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް ލިބިގެން ދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.