ޚަބަރު

އެފް35ގެ ބައިތައް ޔަހޫދީންނަށް ފޯރުކޮށްދިނުމަށް ނެދަލެންޑްސުން ދެކޮޅު


ނެދަލެންޑްސް ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުގެ 'އެފް35' މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ ބައިތައް ފޯރުކޮށްދިނުމަށް އޮތް ހުރަސް ނިމުމަކަށް އައިސްފައިވީނަމަވެސް، އެ ބައިތައް ޔަހޫދީންނަށް ފޯރުކޮށްދިނުމުގެ ވިސްނުމެއް ނެތް ކަމަށް ނެދަލެންޑްސްގެ ސަރުކާރުން ބުނެފިއެވެ.

ފަލަސްޠީނުގެ ޣައްޒާގައި، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ހިންގަމުންދާ ޤަތުލުއާއްމުގައި ބޭނުންކުރާ އެފް35ގެ ބައިތައް ފޯރުކޮށްދިނުން ހުއްޓުވީ، ނެދަލެންޑްސްގެ އިސްތިއުނާފު ކޯޓަކުން ނެރުނު އަމުރަކާ ގުޅިގެންނެވެ.

ނަމަވެސް، ޤައުމުގެ ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގެ ބާރެއް ފަނޑިޔާރުންނަށް ނެތްކަމަށް ބުނެ، ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފައެވެ.

އަދި އެކަމާ މެދު ވަކި ގޮތެއް ނިންމުމަށް، ސުޕްރީމް ކޯޓުން ވަނީ ހަ ހަފްތާގެ މުއްދަތެއް ސަރުކާރަށް ދީފައެވެ.

ނަމަވެސް، އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، އެފް35ގެ ބައިތައް ޔަހޫދީންނަށް ފޯރުކޮށްދިނުމަކީ، މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުނުކުރާ ކަމަށެވެ.

މި ނިންމުމުގައި، ޣައްޒާގައި މިހާރު އޮތް ޙާލަތާ ސީދާ ގުޅުމެއް ނެތަސް، ޣައްޒާގައި ވަގުތުން ވަގުތަށް ސުލްޙަ ޤާއިމުކޮށް، އިންސާނީ އެހީ ފޯރުކޮށްދޭންޖެހޭކަމަށް ޤަބޫލުކުރާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާއިން އުފައްދާ އެފް35ގެ ބައިތައް، ނެދަލެންޑްސްގެ ގުދަންތަކުން، މި އެއްބަސްވުމުގައި ބައިވެރިވެފައިވާ ޤައުމުތަކަށް އެކްސްޕޯޓު ކުރެއެވެ.

ނެދަލެންޑްސުން އެ ބައިތައް ފޯރުކޮށްދިނުން ހުއްޓައިލިނަމަވެސް، އެ އެއްބަސްވުމުގައި ބައިވެރިވެފައިވާ އެހެން ޤައުމެއް މެދުވެރިކޮށް ވެސް އެ ބައިތައް ހޯދޭނެކަމަށް، ނެދަލެންޑްސްގެ ސަރުކާރުގެ ވަކީލުން، އިސްތިއުނާފު ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުންތަކުގައި ބުނެފައިވެއެވެ.