ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހދ.ހަނިމާދޫގައި ފަށައިފިއެވެ.
ހަނިމާދޫއަކީ އައިޑީކާޑުގެ ޚިދުމަތް ފެށުނު 34 ވަނަ ރަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި މި ސިޔާސަތުގެ ދަށުން، ހދ. ހަނިމާދޫގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ، އައިޑީ ކާޑުގެ ޚިދުމަތް ހަނިމާދޫގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ. ހަމަމިއާއެކު އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިއަހަރުގެ އޮގަސްޓްމަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހަނިމާދޫއަށް ވަޑައިގަތުމުން އެރަށު ކައުންސިލުން އެދުނީ، އެރަށުގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށެވެ. އެ އެދުމަށް އިޖާބަދެއްވާ 39 ދުވަސްތެރޭ އެރަށުގައި ވަނީ އައިޑީކާޑުގެ ޚިދުމަތް ފަށާފައެވެ.
އައިޑީކާޑުގެ ޚިދުމަތް ރާއްޖޭގެ 20 އަތޮޅެއްގެ 34 ރަށެއްގައި މިހާރުވަނީ ފަށާފައެވެ.
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.