މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ޤާއިމްކުރެވޭ ދާއިމީ ސްކޭޓިން އެރީނާގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ކުރިއަރަމުން އަންނަ ސްކޭޓްގެ ކުޅިވަރުން ކުރިއަށްދިޔުމަށް ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ ބިންގާ އަޅާ އަމަލީ މަސައްކަތް ފަށާފައިވާ ސްކޭޓިން އެރީނާއަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ މުހިންމު މަޝްރޫޢުއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އެރީނާއަކީ ޒުވާނުންގެ ކުރިއެރުމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތް ފެށިގެންދާ މުނާސަބަތުގައި ރޯލަރސްކޭޓާއި ސްކޭޓްބޯޑު ކޮމިޔުނިޓީއަށް މަރުޙަބާ ދަންނަވާކަމަށެވެ.
އުސްފަސްގަނޑުގައި ރޯލަރ ސްކޭޓިންގ ޓްރެކް އަދި ސްކޭޓް ބޯރޑް ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވަޑައިގެންފައެވެ. ރާއްޖޭގައި ސްކޭޓް ހަރަކާތްތައް ހިންގަމުންދާ ފަރާތްތަކާއި، ސްކޭޓްކުރާ ގިނައަދަދެއްގެ ކުޑަކުދިން ބައިވެރިވި މި ރަސްމިއްޔާތުގައި، އެކުދިންގެ ސްކޭޓް ކުރުމުގެ ހުނަރު ވަނީ ދައްކާލާފައެވެ. ސްކޭޓަރުންގެ ހުނަރުތައް ބައްލަވާލައްވާ ސްކޭޓިން ކޮމިޔުނިޓީއާއިއެކު ރައީސް ވަނީ ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
އުސްފަސްގަނޑުގައި އިއްޔެ ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި، ރޯލަރ ސްކޭޓިންގ ޓްރެކް އަދި ސްކޭޓް ބޯރޑް ޕާކުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިޢުއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަދި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.
ރާއްޖޭގައި ކުރިއަރަމުން އަންނަ މި ކުޅިވަރުން ބައިނަލްއަގްވާމީ ޕްލެޓްފޯމުތަކަށް ދިވެހި އެތުލީޓުން ނެރެމުން އަންނައިރު މިއަހަރުގެ މެއި މަހުގެ 23 އިން 25 އަށް އިންޑޮނޭޝިއާގައި ބޭއްވި އިންލައިން ސްކޭޓް ސީރީޒްގައި ވާދަކޮށް ރާއްޖޭގެ ސްކޭޓަރުން ވަނީ ރަން މެޑެއްޔަކާ، ރިހި މެޑައްޔެއްގެ އިތުރުން 8 ލޯ މެޑަލް ހޯދާފައެވެ.