ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއާއި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން "ކޯސްޓަލް ކްލީނަޕް 2025ގެ" ނަމުގައި މޫދާއި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
މި ހަރަކާތުގައި ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ތާރިޤް އިބްރާހީމާއި، ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.
"ކޯސްޓަލް ކްލީނަޕް 2025"ގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީއާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތަކީ ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ހުޅުމާލޭގެ މޫދު ސާފުކޮށް ބޭއްވުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަަކާތެކެވެ.
ހުޅުމާލޭގައި ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށް، އަދި މޫދު ސާފުކުރުމުގެ އިތުރުން ހުޅުމާލޭގެ ދެ ފޭސް ގުޅޭ ޗެނަލް ސަރަހައްދުގައި މުރަކަ އިންދުމުގެ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ކޯސްޓަލް ކްލީނަޕް ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެފައިވާކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ. އެގޮތުން ހުޅުމާލޭގެ އިތުރުން، ރާއްޖޭގެ އެކި ރަށްތަކާއި ރިސޯޓުތަކުގައިވެސް މި ހަރަކާތް ކުރިއަށްގެންދިުއުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ހުޅުމާލޭގައި ކުރިއަށްގެންދިޔަ ކޯސްޓަލް ކްލީނިން ހަރަކާތުގައި 3000އެއްހާ މީހުން ބައިވެރިވެފައިވާކަމަށާއި، އޭގެތެރޭގައި ސަރުކާރު ހިއްސާވާ އެކި ވުޒާރާތަކާއި، ކުންފުނިތަކާއި، އެންޖީއޯތަކުގެ އިތުރުން ސްކޫލްތަކުން ވެސް މި ހަރަކާތުގައި ބައިވެރިވެފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އެންމެ ބޮޑަށް ގުޅިފައިވަނީ ރާއްޖޭގެ ގޮނޑުދޮށްތަކާކަމަށާއި، ގޮނޑުދޮށްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށް ކޮންމެހެން ކުރަންޖެހޭކަމެއްކަން އެޗްޑީސީއިން ފާހަގަކުރައްވައެވެ. އަދި މިއީ މިފަދަ ހަރަކާތެއް ޤައުމީ ފެންވަރުގައި ކުރިއަށްގެންދެވޭ އެއް މަޤްސަދުކަމަށްވެސް އެޗްޑީސީއިން ވިދާޅުވެއެވެ.
ކޮންމެ އަހަރެގެވެސް އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަސް ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، މި ދުވަހަކީ ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓް ހުޅުވާ ޚިދުމަތް ދޭންފެށި ދުވަސްކަން ފާހަގަކޮށްލެވޭ.