ކޮންމެ އަހަރަކުވެސް ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އެއް ދުވުން ކަމަށްވާ އުރީދޫ ފަން ރަން ބާއްވާ ތާރީހު އިއުލާނުކޮށް ބައިވެރިވުމުގެ ފުރުސަތު މިމަހު ހުޅުވާލާނެ ކަމަށް އުރީދޫއިން ބުނެފިއެވެ.
އުރީދޫއިން ބުނީ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި ބްރޭންޑް ކުރެވިފައިވާ ފަން ރަން މިއަހަރު އޮންނާނީ 19 ޑިސެމްބަރު 2025ގައި ހުޅުމާލޭގައި ކަމަށެވެ. މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާނީ މިމަހުގެ 19ގައި ކަމަށާއި، މިއީ ހުރިހާ އުމުރެއްގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރެވޭ ދުވުމެއް ކަމަށް އުރީދޫއިން ބުނެއެވެ.
މިއަހަރުވެސް އުރީދޫ ފަން ރަންގައި ކުލަތަކާއެކު މަޖާ މާހައުލެއްގައި ދުވުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި، އެކި ކަހަލަ މަޖާ ކުޅިވަރުތަކާއި މިއުޒިކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ފެނިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ. 5 ކިލޯ މީޓަރުގެ މި ދުވުން ފަން ރަންގެ ނަމުގައި ކޮންމެ އަހަރަކުވެސް ކާމިޔާބުކަމާއެކު އެތަށް ހާސް ބައިވެރިންނާއެކު ކުރިޔަށް ގެންދާއިރު މިއަހަރުގެ ފަން ރަން އަކީ މީގެ 7 ވަނަ ދުވުމެވެ.
މުޅި ރާއްޖޭގެ ރައްޔިތުންނަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އުރީދޫއިން ބުނީ ފަން ރަންގެ ކިޓްތަކާއި ދުވުން ކުރިޔަށްދާނެ މަގުތައް އަދި މި ދުވުމާއި ގުޅޭ މައުލޫމާތު ކުރިޔަށް އޮތް ދުވަސްތަކުގައި އުރީދޫއިން ސޯޝަލް މީޑީއާގައި ހިއްސާ ކުރަމުންދާނެ ކަމަށެވެ.
އުރީދޫ ފަން ރަން އަކީ އެކި އުމުރުފުރައިގެ މީހުން އެއްތަންކޮށް އެއްބައިވަންތަ ކުރުވާ ސިއްހީގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގްސަދުގައި އުރީދޫއިން ބާއްވާ ދުވުމުކެވެ. އުރީދޫއިން ވަނީ ފަން ރަން ހދ. ކުޅުދުއްފުށި ސިޓީ، ލ. ގަން އަދި އައްޑޫ ސީޓީގައިވެސް ބާއްވާފައެވެ.
އެންމެ ފުރަތަމަ މި ދުވުން ބާއްވަމުން އައީ 'ކަލަރ ރަން' ގެ ނަމުގައެވެ. 2022 ވަނަ އަހަރު މި ދުވުން 'ފަން ރަން' ގެ ނަމަށް ބަދަލުކޮށް ރީބްރޭންޑް ކުރުމަށްފަހު ކޮންމެ އަހަރަކުވެސް ކުލަޖެހުމާއި ފެން ޖެހުމާއި، ކުޑަކުދިން ގަޔާވާ ކަހަލަ އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް މި ދުވުން އަންނަނީ ބާއްވަމުންނެވެ.