ޣައްޒާގެ ޙިޞާރު ފޫއަޅުވައިލަން މަސައްކަތްކުރި ގްލޯބަލް ޞުމޫދު ފްލޮޓިއްލާ (ޖީއެސްއެފް)ގެ އުޅަނދުތައް ޔަހޫދީން ހުއްޓުވުމުން، އެ ކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން އިޓަލީވިލާތުގެ ޔޫނިއަންތަކުން ހަޅުތާލަށް ގޮވާލައިފިއެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންދާއިރު، ޖީއެސްއެފުން މަސައްކަތް ކޮށްފައި ވަނީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. ޖީއެސްއެފްގެ އުޅަނދުތަކުގައި ޣައްޒާއަށް ދިޔުމަށް ދަތުރު ކުރި މީހުންގެ ތެރޭގައި 44 ޤައުމަކަށް ނިޞްަބަތްވާ 500އަށްވުރެ ގިނަ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބެރީ ވެސް ހިމެނެއެވެ.
ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ދަތުރު ފެށި ފްލޮޓިއްލާ ޣައްޒާއާ ކައިރި ހިސާބަކަށް ފޯރާފައި ވަނީ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ނުރައްކާ ޒޯނަށް އުޅަނދުތައް ވަނުމާއެކު ޔަހޫދީ މަނަވަރުތައް ވަނީ އެ އުޅަނދުތައް ވަށާލައިފައެވެ. އަދި ހަތިޔާރުއެޅި ޔަހޫދީ ސިފައިން ވަނީ އުޅަދުތަކަށް އަރައިގަނެފައެވެ. ޔަހޫދީ ސިފައިން ވަނީ އުޅަނދުތަކުގައި ތިބި މީހުންގެ ނުގަބޫލުގައި ޔަހޫދީންގެ ބެލުމުގެ ދަށަށް އެ މީހުން ގެންގޮސްފައެވެ. އެ މީހުން މިހާރު ތިބީ ޔަހޫދީ ދައުލަތުގައެވެ. ބޯޓުތަކުގައި ތިބި އެކްޓިވިސްޓުން ވިލާތަށް ފޮނުވާލާނެ ކަމަށް ޔަހޫދީން ވަނީ ބުނެފައެވެ.
ފްލޮޓިއްލާއަށް ހުރަސްއަޅާފައިވާތީ އެ ކަމާ ދެކޮޅަށް އަޑުއުފުލުމަށް ހަޅުތާލު ކުރުމަށް އިޓަލީވިލާތުގެ ޔޫނިއަންތަކުން ގޮވާލާފައިވާއިރު، އެ ޤައުމުގެ އެކި ސަހަރުތަކުގައި މުޒާހަރާތައް ވެސް ވަނީ ކުރަން ފަށާފައިވެއެވެ. އިޓަލީވިލާތުގެ ދެކުނުގެ ސަހަރެއް ކަމަށްވާ ނޭޕްލްސްގައި މުޒާހަރާގެ ބައިވެރިން ވަނީ އެ ސަހަރުގެ މައި ރޭލު ސްޓޭޝަނަށް ވަދެ އެ ތަނުގައި އަޑުގަދަކޮށްފައެވެ. އޭގެ ސަބަބުން ރޭލު ދަތުރުތަކަށް ވަނީ ބުރޫ އަރައިފައެވެ. އޭގެ އިތުރުން ވެރިކަންކުރާ ރޯމްގައި ވެސް ރޭލު ސްޓޭޝަންތައް ކައިރީގައި މުޒާހަރާ ކުރާ މީހުން ޙަރަކާތްތެރިވާތީ ފުލުހުން ދަނީ ރޭލު ސްޓޭޝަންތައް ކައިރީގައި ފޯރިމަރަމުންނެވެ.
ހަޅުތާލަށް ގޮވައިލަމުން އިޓަލީވިލާތުގެ ޔޫނިއަނެއް ކަމަށްވާ ސީޖީއައިއެލްއިން ބުނީ އިޓަލީވިލާތުގެ ވެސް ރައްޔިތުންތަކެއް އުފުލަމުން ދިޔަ ފްލޮޓިއްލާގެ އުޅަނދުތަކަށް ޔަހޫދީން ހުރަސްއެޅުމަކީ ކަންބޮޑުވާންޖެހޭ ސީރިއަސް މައްސަލައެއް ކަމަށެވެ. އެހެން ޔޫނިއަންތަކުން ވެސް ވަނީ ހަޅުތާލުގައި ބައިވެރިވާނެ ކަމަށް ބުނެފައެވެ. ސީޖީއައިއެލްއިން އާންމު ހަޅުތާކަލަށް ގޮވާލާފައި މި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22ވަނަ ދުވަހު އިޓަލީވިލާތުގެ އެހެން ޔޫނިއަނެއް ކަމަށްވާ ޔޫއެސްބީން ގޮވައިލި ހަޅުތާލެއްގައި އެ ޤައުމުގެ މިލާންގައި ކުރިމަތިލުންތަކެއް ހިންގައި މަސްރަހު ހަލަބޮލިވިތާ މާ ދުވަސްތަކެއް ނުވެއެވެ. މި ފަހަރު ވެސް ޔޫއެސްބީން ވަނީ އިޓަލީވިލާތުގެ ބަނދަރު މަސައްކަތް ނުކުރެވޭނެހެން ބަންދުކުރާނެ ކަމަށް ބުނެފައެވެ.
ފާއިތުވި ދެ ހަފްތާގެ ތެރޭގައި އިޓަލީވިލާތުގެ ބަނދަރުތަކުގައި މަސައްކަތްކުރާ މީހުން ވަނީ އެ ބަނދަރުތަކަށް ބައެއް އުޅަނދުފަހަރު ލަފައި ފުރައި މުދާ ބޭލުމަށް ހުރަސްއަޅައިފައެވެ. އެއީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ލާއިންސާނީ ޢުދުވާނީ ޙަމަލާތައް ދެމުންދާ ޔަހޫދީންނާ ގުޅުންހުރި އުޅަނދުފަހަރެވެ.