ޚަބަރު

މާލޭ އުސްފަސްގަނޑުގައި އަޅާ ސްކޭޓް އެރީނާގެ ބިންގާ އަޅައިފި


މާލޭ އުސްފަސްގަނޑުގައި ތަރައްޤީކުރާ ސްކޭޓް އެރީނާގެ ބިންގާ މިއަދު އަޅައިފިއެވެ.

މި ސްކޭޓް އެރީނާގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ޢަބްދުﷲ ރާފިޢުގެ އިތުރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަޙީމްއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލްއާއި ކުޅިވަރު ވުޒާރާގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގައި ސްކޭޓްގެ ހަރަކާތް ހިންގަމުންދާ ފަރާތްތަކާއި ގިނަ އަދަދެއްގެ ސްކޭޓަރުންނާއި ބެލެނިވެރިންވެސް ބައިވެރިވިއެވެ.

މާލޭ އުސްފަސްގަނޑުގައި މުޅިން އަލަށް ތަރައްޤީކުރާ ސްކޭޓް އެރީނާގެ މަސައްކަތަކީ އާރްސީސީގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި އެރީނާގެ މަސައްކަތް ނިމޭއިރު މިތަނުގައި ސްޕީޑް ސްކޭޓިންގއަށް ޚާއްސަ ޓްރެކަކާއި ސްކޭޓް ބޯޑް ދުއްވުމަށް ޚާއްސަ ޕާކެއް ހިމެނޭނެއެވެ.

ސްކޭޓް ކުރުމަކީ ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރެކެވެ. މިގޮތުން ރާއްޖޭގެ ދުއްވުންތެރިންދަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކޮށް ރަންވަނަތަކެއް ގެނެސްދެމުންނެވެ.

ބިންގާ އެޅުނު ސްކޭޓް އެރީނާއަކީ ރާއްޖޭގެ ދުއްވުންތެރިންގެ ވަރަށް ދުވަސްވީ ހުވަފެނެއްގައި ކުލަޖެހުމުގެ މަލަމައްޗެވެ. މިއެރީނާ ވެގެންދާނީ ސްކޭޓިންއިން އިތުރު ހުނަރުވެރި އެތުލީޓުން އުފައްދާ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ އިތުރަށް ވިދާލާނެ ކުޅިވަރު ތަރައްޤީގެ މުހިންމު ބޮޅަކަށެވެ.