ވިއެޓްނާމަށް އެރި ބާރުގަދަ ތޫފާނު "ބޫލޯއި"ގެ ސަބަބުން އެކި ހިސާބުތަކުގައި ފެންބޮޑުވެ، ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 36އަށް އަރާފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.
މިދިޔަ ހޯމަ ދުވަހު ވިއެޓްނާމަށް އެރި ތޫފާނާ އެކު ބޯކޮށްވާރޭވެހި، އުދައެރުމުގެ ސަބަބުން، ގިނަ ސަރަޙައްދުތަކުގައި ފެންބޮޑުވެގެން ހިނގި ހާދިސާތަކުގައި މިހާތަނަށް 21 މީހުން ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، 147 މީހުން ވަނީ ޒަޚަމްވެފައެވެ.
ވިއެޓްނާމުގެ ކާރިސާތަކާބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި، މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު ގާތްގަނޑަކަށް ބައި ބިލިއަން ޑޮލަރަށް އަރާނެއެވެ.
ތޫފާނާއެކު މަގުތަކުގައި ފެންބޮޑުވެ، ދަތުރުފަތުރަށްވެސް ބުރޫއަރާފައިވާއިރު، ކަރަންޓު ސްޓޭޝަންތަކަށް ގެއްލުން ލިބި، ގިނަ ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތްވެސް ވަނީ ކެނޑިފައެވެ.
މި ހާދިސާގައި 210،000 އަށް ވުރެ ގިނަ ގެދޮރަށް ގެއްލުން ލިބި، 51،000 ހެކްޓަރުގެ ދަނޑުބިންތައް ހަލާކުވެފައިވާކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.