ޚަބަރު

އަފްޣާނިސްތާނުގައި މޯބައިލް އަދި އިންޓަނެޓު ޚިދުމަތް އަލުން ދޭން ފަށައިފި


އަފްޣާނިސްތާނުގައި މޯބައިލް އަދި އިންޓަނެޓު ޚިދުމަތް ކަނޑާލިތާ 48 ގަޑިއިރުފަހުން، އެ ޚިދުމަތްތައް އަލުން ދޭން ފަށާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަފްޣާނިސްތާނުގައި މޯބައިލް ޚިދުމަތްދޭ ބޭރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ރޯޝަން އާއި އެޓިސަލާތު ކުންފުނިތަކުގެ ޚިދުމަތް އަލުން މިއަދު މެންދުރު ފަހުން ފެށިގެން ވެރިރަށް ކާބުލް އާއި އެހެން ސިޓީތަކުގައި ލިބެން ފަށާފައިވާއިރު، އިންޓަނެޓްގެ ޚިދުމަތް އަލުން ޤާއިމްކޮށްފައިވާ ކަމަށް އެ ޚިދުމަތް ދޭ ކުންފުނިތަކުން ބުނެއެވެ.

މި ޚިދުމަތް މެދުކަނޑައިލީ، އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާންއިން އަންގައިގެން ކަމަށް ތުހުމަތުކުރިނަމަވެސް، އެ ޚިދުމަތްތައް މެދުކެނޑުނީ މުޙިންމު މަރާމާތުތަކެއް ކުރަންކަމަށް ޠާލިބާން ސަރުކާރުގެ އޮފިޝަލަކާ ޙަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ޠާލިބާންގެ ސަރުކާރުން ދާދިފަހުން ވެސް ވަނީ އިންޓަނެޓު މެދުވެރިކޮށް ބަރަހަނާ ސައިޓުތަކަށް ވަންނަކަމަށް ބުނެ، ބައެއް ސަރަޙައްދުތަކަށް އިންޓަނެޓު ޚިދުމަތްދިނުން ހުއްޓައިލަން އަންގައިފައެވެ.

އިންޓަނެޓު އަދި މޯބައިލްގެ ޚިދުމަތް ނުލިބި، ރައްޔިތުން ބޮޑެތި ނުރައްކާތަކަށް ހުށަހެޅޭކަމުގެ ކަންބޮޑުވުންފާޅުކޮށް، އދ.ން ވަނީ މިފަދަ އަސާސީ މުއާސަލާތީ ޚިދުމަތްތައް ރުޖޫއަކުރަން ގޮވާލާފައިވެއެވެ.

މޯބައިލް އަދި އިންޓަނެޓުގެ ޚިދުމަތް ކަނޑާލާފައިމިވަނީ، އަފްޣާނިސްތާނަށް ދާދިފަހުން އައި ބާރުގަދަ ބިންހެލުންތަކުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެތައް ހާސް އާންމު ރައްޔިތުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ޚިދުމަތްތައް ނުލިބި، އެ މަސައްކަތްތަކަށް ވެސް ބުރޫއަރާފައިވާކަމަށް ދަނީ ބުނަމުންނެވެ.