ވޭޕްގެ އެކި މައްސަލަތަކުގައި މިދިޔަ ސެޕްޓެންބަރުމަހު 24 މީހަކު ޖޫރިމަނާކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިދިޔަ މަހު ވޭޕާއި ގުޅުންހުރި 13 މައްސަލައެއް ރިކޯޑުކުރިކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކުރައްވާފައިވާ ސެޕްޓެންބަރު މަހުގެ ވޭޕާއި ގުޅޭ މައްސަލަތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރިޕޯޓުކުރި 13 މައްސަލައިގެ ގެތެރޭގައި އިލެކްޓްރޯނިކް ވޭޕާއި އެފަދަ އާލާތްތައް ގެންގުޅުމުގެ 6 މައްސަލައަކާއި، ވޭޕް ބޭނުންކުރުމުގެ 3 މައްސަލައެއްގެ އިތުރުން ވޭޕާ ގުޅޭ އެހެނިހެން 4 މައްސަލައެއް ހިމެނެއެވެ.
ތަފަސް ހިސާބުތައް ދައްކާގޮތުގައި ވޭޕާ ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 24 މީހަކުވަނީ ޖޫރިމަނާކޮށްފައެވެ. އަދި މިމައްސަލަތަކުގައި ޖުމްލަ 136،500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށާއި، މީގެތެރޭގައި ހިމެނެނީ ވޭޕާއި އިލެކްޓްރޯނިކް ވޭޕް އާލާތްތައް ގެންގުޅުނުކަމުގެ 10 މައްސަލައެއްގައި ޖޫރިމަނާކޮށްފައިވާ 41،000 ރުފިޔާއެވެ. އަދި ވޭޕާއި ވޭޕްކުރުމަށް ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން 14 މައްސަލައެއްގައި ޖޫރިމަނާގެ ގޮތުގައި 95،500 އަރާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
.Vape-Related Statistics | 1–30 September 2025
— Maldives Police (@PoliceMv) October 2, 2025
In September, total of 13 vape-related incidents were reported, and 24 individuals were fined for offences involving the use or possession of vapes and e-cigarettes. pic.twitter.com/Z5qUQqviUy
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށްވަނީ އިސްލާޙުގެނެސްފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ޢަމަލުކުރަން ވަނީފަށާފައެވެ.
މިއާއެކު މިފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މިޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ޤާނޫނުގައިވަނީ ކަނޑައަޅުއްވާފައެވެ.
މި ޤާނޫނު ބަޔަންކުރާގޮތުން ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50000 ރުފިޔާގެ ޖޫރިމަނާއެއްކުރާނެކަމަށްވަނީ ބަޔާންކުރައްވާފައެވެ. އެހެންކަމުން ޤާނޫނަށް އާންމުން ހޭލުންތެރިވެ އެފަދަ ޤާނޫނީ ކުށްތަކުން ދުރުހެލިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައެވެ.