ޚަބަރު

ޔަހޫދީން ހުޅަނގު އައްސޭރީގެ ރައްޔިތުންގެ ގެދޮރުގައި ހުޅުޖަހައި، ޒައިތޫނި ގަސްތަކަށް ގެއްލުން ދީފި


ޔަހޫދީ ސިފައިންނާއި ހައްދުފަހަނަ އެޅި ޔަހޫދީ ޢާންމުން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް އަރައި، ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރުގައި ހުޅުޖަހައި، ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ހަތިޔާރާ އެކު އަރައި ލާއިންސާނީ ޖަރީމާތައް ހިންގާފައި ވަނީ ފާރިޢު ރެފިއުޖީ ކޭމްޕުގައެވެ. އަދި، ހައްދުފަހަނަ އެޅި ޔަހޫދީން ވަދެ، ގެއްލުން ދީފައި ވަނީ ނާބުލުސާއި އަލް-ޚަލީލްގެ ރައްޔިތުންގެ ގެދޮރާއި ދަނޑުބިންތަކަށެވެ.

ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ފާރިޢު ރެފިއުޖީ ކޭމްޕަށް ވަދެ ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނަށް އަމާޒުކޮށް ބަޑީގެ ޙަމަލާތައް ދީފައިވެއެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހަކު ޝަހީދު ކޮށްލާފައިވާ ކަން މިހާތަނަށް ކަށަވަރު ކުރެވިފައެއް ނެތެވެ.

ފަލަސްޠީނުގެ ރެޑް ކްރެސެންޓު ޖަމުޢިއްޔާއިން ބުނީ، ޔަހޫދީ ސިފައިންގެ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ ދެ މީހަކަށް ފަރުވާ ދޭން ޖެހުނު ކަމުގައެވެ. މީގެ އިތުރުން، ޠުލްކަރްމާއި އަލް-ޚަލީލް އަދި ޖުފްނާއަށް އަރައި ޔަހޫދީ ފައުޖުން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްގެން ގެންގޮސްފައިވާ ކަމުގައި ފަލަސްޠީނުގެ ވަފާ ނޫހުން ރިޕޯޓު ކުރިއެވެ.

ހައްދުފަހަނަ އެޅި ޔަހޫދީ ޢާންމުން އަރައި، ހުޅުޖަހާފައި ވަނީ ނާބުލުސްގެ ހަވާރަތުގައި ހުރި ގެތަކެއްގައެވެ. މީގެ އިތުރުން، އަލް-ޚަލީލް ކައިރީގައި އޮތް ސަޢީރަށް ހައްދުފަހަނަ އެޅި ޔަހޫދީން އަރައި، 300އެއްހާ ގަސް ކަނޑައިލައި، ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކަނަމަދާއި ޒައިތޫނި ގަސް ހިމެނެއެވެ. އަދި، ބެޔިތު ލަޙްމަށް އަރައި، އެ ރަށުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ހައްދުފަހަނަ އެޅި ޔަހޫދީން ވަނީ ބިރު ދައްކައި، ފުރައްސާރަ ކޮށްފައެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ސިފައިން ޤަތުލުޢާންމެއް ހިންގަން ފެށި ފަހުން، ހުޅަނގު އައްސޭރީގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވެސް ވަނީ އިތުރު ކޮށްފައެވެ. އަދި، އެ ޖަރީމާތަކުގައި ޔަހޫދީ ސިފައިންގެ އިތުރުން ހައްދުފަހަނަ އެޅި ޔަހޫދީ ޢާންމުން ދަނީ ބައިވެރިވަމުންނެވެ.

ޣައްޒާ ޢުދުވާން ފެށި ފަހުން ހައްދުފަހަނަ އެޅި ޔަހޫދީން ހުޅަނގު އައްސޭރީގެ ރަށްތަކަށް އަރައި 2,400އަށްވުރެ ގިނަ ޙަމަލާ ދީފައިވެއެވެ. އަދި، 3,000އަށްވުރެ ގިނަ މީހުން ވަނީ އަމިއްލަ ވަޒަނުން ބޭރުކޮށް، ގެދޮރު ނެތިކޮށްލާފައެވެ. އަދި، ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ހުޅަނގު އައްސޭރިން 1,047އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައި، އިތުރު 10,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.