ޚަބަރު

ސްލޮވާކިޔާގެ ތަޖުރިބާކާރު ކޯޗު ޖޯޖްލީ ވިކްޓްރީ އާއި ހަވާލުވެއްޖެ


ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗުގެ މަގާމަށް ސްލޮވާކިޔާގެ ތަޖުރިބާކާރު ކޯޗު ޖޯޖްލީ ގެރީ ހަމަޖައްސައިފިއެވެ.

ވިކްޓްރީ ސްޕޯޓްސް ކުލަބުން ވަނީ އައު ކޯޗުކަން ޖޯޖްލީ އާއި ހަވާލުކޮށް އޭނާ މީޑިއާއަށް ތައާރަފް ކުރުމާއި އެ ކުލަބުގެ އައު ބޯޑު މީޑީއާއަށް ތައާރަފް ކުރުމަށް ރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ޖޯޖްލީއަކީ ސްލޮވާކިއާގެ ޔުއެފާ ޕްރޯ ލައިސަންސް އޮންނަ ކޯޗެކެވެ. މުޅިން އަލަށް އޭޝިއާގެ ޓީމަކާއި ހަވާލުވި ޖޯޖްލީއަކީ ސްލޮވާކިޔާގެ ފުރަތަމަ ޑިވިޝަނުގައި މަސައްކަތްކޮށްފައިވާ ކޯޗެކެވެ. މީގެ އިތުރުން އެގައުމުގެ ޔޫތް ޑިވެލޮޕްމެންޓް ޑިރެކްޓަރގެ މަގާމުވެސް އޭނާ އަދާކޮށްފައިވެއެވެ.

48 އަހަރުގެ ޖޯޖްލީ އަކީ ކުރީގެ މަޝްހޫރު ޑިފެންޑަރެކެވެ. 2014 ވަނަ އަހަރުން ފެށިގެން ކޯޗިން ކެރިއަރު ފެށި ޖޯޖްލީ މަސައްކަތް ކޮށްފައިވަނީ ސްލޮވާކިޔާ އާއި ސާބިއާގައެވެ. ޔޫރަޕް ފުޓްބޯޅައިގެ އުކުޅުތައް ދަސްކޮށްފައިވާ މި ކޯޗާއެކު އެންމެ ފުރަތަމަ ވިކްޓްރީ ސްޕޯޓްސް ކުލަބުން ނިކުންނާނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.

ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ މިވަގުތު އޮތީ 3 ޕޮއިންޓާއެކު ތާވަލުގެ 5 ވަނައިގައެވެ. ވިކްޓްރީއަށް ލީގުގައި މިހާތަނަށް ކޯޗުކަން ކޮށްދީފައިވަނީ ނިއުރޭޑިއަންޓްގެ ލެޖެންޑް އަދި ކުރީގެ އެންމެ މޮޅު އެއް ފޯވާޑު އާދަމް އަބްދުލް ލަތީފް (ލައްޗޭ) އެވެ. އޭނާ ބުނެފައިވަނީ ވިކްޓްރީއަކީ ފުޓްބޯޅައިން އެންމެ ގިނަ ތަށި ހޯދާފައިވާ ކުލަބު ކަމަށާއި، މި ސީޒަނުގައި މެޗަކުން ބަލިވެގެން ގޮސް އަރާމު ކުރާނެ ފުރުސަތެއް އެ ކުލަބަށް ނެތް ކަމަށެވެ. އަދި ލީގުގައި ކުރިޔަށް ހުރި މެޗުތަކުގައި މޮޅުވާން ހުރިހާ ކުޅުންތެރިންވެސް ގަދަ ހިތްވަރާއެކު މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

ވިކްޓްރީން ކުޅުނު މެޗުތަކުގެތެރެއިން 1-0 ގެ ނަތީޖާއަކުން ވަނީ ގްރީން ސްޓްރީޓްސް އަތުން މޮޅުވެފައެވެ. އަދި 5-0 ގެ ނަތީޖާއަކުން ވަނީ ބުރު ސްޕޯޓްސް ކުލަބު އަތުން ބަލިވެފައެވެ.