ވޭތުވެދިޔަ އަހަރުތަކުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ އޮޑިޓް ރިޕޯޓުތަކުން ފާހަގަވި މައްސަލަތައް ތަހުޤީޤު ކުރުމަށް ކަމާބެހޭ އިދާރާތަކަށް އެމްޓީސީސީއިން ހުށަހަޅައިފިއެވެ.
އެމްޓީސީސީއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ވިދާޅުވީ، އެކުންފުނީގެ ވޭތުވެ ދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓުތަކުން ކުންފުނީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން އެކަން ގަވާއިދުން ތަހުގީގުކޮށްދެއްވައި އިހުމާލުވި ފަރާތްތަކުން އެ ފައިސާ ހިއްސާދާރުންނަށް ހޯއްދަވައިދެއްވުމަށް ކަމާބެހޭ އިދާރާތަކަށް އެދިފައިވާކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.
ކުންފުނީގެ ހިއްސާދާރުންނަށް އިހުމާލުވެފައިވާ މައްސަލަ ތަހުގީގުކޮށް ޝަރީޢަތުގެ ކުރިމައްޗަށް ގެންނަންޖެހޭ މީހުން ގެނައުމަށް ކުންފުނިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.
1981ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފެދުނު އެމްޓީސީސީއަކީ، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖްތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭގައި، އެމްޓީސީސީން ވަނީ ރާއްޖޭގެ އެންމެ ބޮޑު ސިވިލް އަދި މެރިން ކޮންޓްރެކްޓަރަށް ވެފައެވެ. އަދި އެއްގަމާއި ކަނޑުގެ މަގުން ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަށް އެކުންފުނިން ވަނީ ވެފައެވެ.