ޚަބަރު

ޞުމޫދު ފްލޮޓިއްލާގެ ދެ އުޅަނދަކަށް ޔަހޫދީ މަނަވަރުތަކަކުން ބިރުދައްކައިފި


ޣައްޒާގެ ޙިޞާރު ފޫއަޅުވައިލަން މަސައްކަތްކުރަމުންދާ ގްލޯބަލް ޞުމޫދު ފްލޮޓިއްލާ (ޖީއެސްއެފް)ގެ އުޅަނދުތައް އެ ސަހަރަށް ދަތުރުކުރަމުން ދަނިކޮށް ޔަހޫދީ ބޯޓުތަކެއް އެ އުޅަނދުތަކާ ކައިރިވެ ބިރުދެއްކުމުގެ ޢަަމަލުތަކެއް ހިންގައިފިއެވެ.

ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންދާއިރު، ޖީއެސްއެފުން މަސައްކަތް ކުރަމުންދަނީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. ޖީއެސްއެފްގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި 44 ޤައުމަކަށް ނިޞްަބަތްވާ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބްރީ ވެސް ހިމެނެއެވެ. ފްލޮޓިއްލާގެ އުޅަނދުތައް މިހާރު އޮތީ ޣައްޒާގެ އައްސޭރިފަަށާ 120 ނޯޓިކަލް މޭލު ދުރުގައެވެ. ޔަހޫދީންގެ ޙަމަލާއެއް ކުރިމަތިނުވާ ނަމަ ބުރާސްފަތި ދުވަހު ޣައްޒާއާ ހަމައަށް އުޅަނދުތައް ފޯރާނެ ކަމަށް ބެލެވެއެވެ.

ޖީއެސްއެފުން ބުނީ ފްލޮޓިއްލާ ޣައްޒާއަށް ދަތުރުކުރަމުން ދަނިކޮށް ޔަހޫދީންގެ ހަނގުރާމަމަތީ ދެ މަނަވަރު ފްލޮޓިއްލާގެ ދެ ބޯޓު ކަމަށްވާ އަމްލާއާއި ސިރިއަސް ކައިރިއަށް ބާރު ދުވެލީގައި އައިސް އެ އުޅަނދުތައް ވަށާލާފައިވާ ކަމަށެވެ. އެ ވަގުތު އެ ދެ ބޯޓުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމުތައް މަސައްކަތް ކުރުން ހުއްޓިފައިވާ ކަމަށް ވެސް ޖީއެސްއެފުން ބުނެއެވެ. އެ ފްލޮޓިއްލާއިން އެ ކަން ސިފަކޮށްފައި ވަނީ ސައިބަރ ޙަމަލާއެއްގެ ގޮތުގައެވެ. ނަމަވެސް ބައެއް ޚިދުމަތްތައް މިހާރު އަނެއްކާ ވެސް ވަނީ ލިބެން ފަށައިފައެވެ.

ފްލޮޓިއްލާއިން ނެރުނު ބަޔާނެއްގައި ބުނީ ޔަހޫދީންގެ ޢަމަލުތަކުގެ ސަބަބުން 40 ޤައުމަކަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ ހަތިޔާރެއް ނެތް ޢާންމުންތަކެއް ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް ފްލޮޓިއްލާ ފަހަތަށް ނުޖެހި މަންޒިލަށް ދިޔުމަށް ދަތުރުކުރަމުން ދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ ކުރިން ވެސް ފްލޮޓިއްލާގެ އުޅަނދުތަކަށް ޑްރޯން ޙަމަލާއެއް އަމާޒުވެފައިވެއެވެ. އެ ޙަމަލާގައި ބައެއް އުޅަނދުތަކަށް ކޮންމެ ވެސް ވަރެއްގެ ގެއްލުންތައް ލިބިފައިވެއެވެ. ނަމަވެސް މީހަކަށް ޒަޅަމްވެފައެއް ނުވެއެވެ.

މީގެ ކުރިން ޣައްޒާގެ ހިސާރު ފޫއަޅުވައިލުމަށް ހިންގާފައިވާ މި ފަދަ ހަރަކާތްތަކަށް ޔަހޫދީ ފައުޖުން ވަނީ ހުރަސް އަޅައިފައެވެ. ޔަހޫދީން ވަނީ މި ފަހަރު ވެސް ޣައްޒާއަށް ފްލޮޓިއްލާގެ އުޅަނދުތައް ފޯރުން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. ފްލޮޓިއްލާއިން ބުނަމުން ދަނީ އެހީގެ ސާމާނު ހިފައިގެެން ދަތުރުކުރާ އުޅަނދެއް ހުއްޓުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.

މި ޙާލަތުގައި އިޓަލީވިލާތާއި ސްޕެއިނުން ވަނީ ފްލޮޓިއްލާއަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ޙާލަތެއް އަތުވެދާނެ ކަމަށް އެ އުޅަނދުތަކަށް އެހީވުމަށް މަނަވަރު ފޮނުވައިފައެވެ. ނަމަވެސް އެ އުޅަނދުތައް އަސްކަރީ ޙައިސިއްޔަތަކުން ޙަރަކާތްތެރި ނުވާނެއެވެ. ނަމަވެސް ރައްކާތެރިކަމަށްޓަކައި ޣައްޒާގެ 150 ނޯޓިކަލް މޭލު ބޭރުން އިޓަލީވިލާތާއި ސްޕެއިންގެ މަނަވަރުތައް ފްލޮޓިއްލާއާއެކު ދަތުރުކުރުން ހުއްޓައިލާނެއެވެ. ތުރުކީވިލާތުގެ ޑްރޯންތަކެއް ވެސް ދަނީ ފްލޮޓިއްލާގެ ފަހަތުން ދަތުރުކުރަމުންނެވެ.