ޚަބަރު

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް އިސްރަށްވެހިންގެ ހަވީރެއް


  • ސަޤާފީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވޭ

  • ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވި

  • ހަވީރު ބާއްވާފައިވަނީ ހުޅުމާލެ ފޭސް-2 'ރުއްގަނޑު 3' ސަރަހައްދުގަ

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް "އިސްރަށްވެހިންގެ ހަވީރު" ގެ ނަމުގައި ޚާއްސަ ހަވީރެއް ބާއްވައިފިއެވެ.

އިސްރަށްވެހިންގެ ހަވީރުގައި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ޢާއިލާތަކާއެކު އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ބޭއްވި އިސްރަށްވެހިންގެ ހަވީރަކީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއާއި އުރީދޫ މޯލްޑިވްސް އަދި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ހަވީރެކެވެ.

ހުޅުމާލެ ފޭސް-2 'ރުއްގަނޑު 3' ސަރަހައްދުގައި ބޭއްވި މި ހަވީރުގައި ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވެފައިވެއެވެ.

ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި އިސްރަށްވެހިންގެ ހަވީރުގައި ި އުމުރުން ދުވަސްވީ މީހުންނާއި އެފަރާތްތަކުގެ ޢާއިލާތަކަށް އުފާވެރި ހިތްހަމަޖެހޭ މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ގޮތުން، އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތައް ކުރިއަށްގެންގޮސްފައިވެއެވެ. އޭގެތެރޭގައި ދިވެހީންގެ ސަގާފީ ހުނަރުވެރި މަސައްކަތްތަކާއި، ކުޅިވަރުތަކާއި، ބޯވަޅު ހެދުމާއި ރާޒުވާއާއި އޮށްވަޅުގޮނޑިއާއި ކެރަމް އަދި ފަސްއޮށް ކުޅުމާއި، ފަން ވިޔުން ހިމެނެއެވެ.

މީގެ އިތުރުން، މި ހަވީރުގައި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ އިސްރަށްވެހިންގެ ނާދީގެ މެންބަރުންގެ ފަރާތުންވެސް ތަފާތު ހަރަކާތްތައް ދައްކުވައިދޭ ސްޓޯލްތައްވެސް ބަހައްޓާފައެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ކޮންމެ އަހަަރަކުވެސް ފާހަގަކުރަނީ އޮކްޓޯބަރުމަހުގެ 1ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ މުޖުތަމަޢުގައި އިސްރަށްވެހިންގެ ދަޢުރު ފާހަގަކޮށް އެމީހުންގެ އަގު ވަޒަންކުރުމަށެވެ.

އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުމުގެ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރާއި ކަމާގުޅޭ އިދާރާތަކުން މުހިންމު އެކި މަސައްކަތްތައް ދަނީ ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން މި ނިމުނު ސެޕްޓެމްބަރު މަހު ވަނީ އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު ރާއްޖޭގައި އިފްތިތާޙުކޮށްފައެވެ.

މި ސިޔާސަތުގެ މަޤުޞަދުތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް، އެމީހުންގެ އުމުރާ އެކަށީގެންވާ، ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާއާއި ދިގު މުއްދަތުގެ ފަރުވާގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރުކުރުމާއި، އަދި އެފަރާތްތަކަށް ދިގުމުއްދަތަށް ދެމިގެންދާ ތަޢުލީމާއި ހުނަރު ތަރައްޤީކުރުމުގެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ.