ޚަބަރު

ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް "ގައިޑިން ޖެނެރޭޝަންސް" ޕްރޮޖެކްޓް އިފްތިތާޙުކޮށްފި


  • ޕްރޮޖެކްޓް ކުރިއަށްގެންދާނީ އެއް އަހަރުގެ މުއްދަތަކަށް

  • ރާއްޖޭގެ 10 ސަރަހައްދެއްގައި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައިވޭ

  • މިއީ އިސް ރަށްވެހީންގެ ދުޅަހެޔޮކަމަށް އިސްނަގައިގެން ކުރިޔަށްގެންދާ ހަރަކާތެއް

ހޭލުންތެރި މުޖުތަމައެއް ބިނާކުރުމުގެ މަޤްސަދުގައި ގާލްގައިޑް އެސޯސިއޭޝަނުން "ގައިޑިން ޖެނެރޭޝަންސް" ޕްރޮޖެކްޓް އިފްތިތާޙްކޮށްފިއެވެ.

"ގައިޑިން ޖެނެރޭޝަންސް" ޕްރޮޖެކްޓަކީ ދުޅަހެޔޮ، ބަދަހި، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކަޅުތަކުގައި ތިބި އެޑަލްޓް ލީޑަރުންނަށާއި، ގައިޑާސް އަދި ޔަންގް ލީޑާސްއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

އެއްއަހަރުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ހަރަކާތް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 10 ސަރަޙައްދެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ގާލްގައިޑް އެސޯސިއޭޝަނުން ބުނެއެވެ. މި ހަރަކާތް ކުރިއަށްގެންދިުއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު 1 އިން ފެށިގެން އަންނަ އަހަރުގެ އޮކްޓޯބަރު 1ގެ ނިޔަލަށެވެ.

"ގައިޑިން ޖެނެރޭޝަންސް" ޕްރޮޖެކްޓްއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާވާހަކަދައްކަވަމުން ގާލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ އައިޝަތު ނަޝީދާ ވިދާޅުވީ، މި ޕްރޮޖެކްޓަކީ އެއް އަހަރުގެ މުއްދަތަކަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްއަކަށް ވީނަމަވެސް، އެ އެސޯސިއޭޝަނުން އަމާޒުހިފާފައި ވަނީ ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށްކަމަށެވެ.

"އަޅުގަނޑުމެން ވަރަށް އުފާވޭ މިފަަ ޕްރޮޖެކްޓެއް އަޅުގަނޑުމެންނަށް މިއަދު ލޯންޗުކުރެވިގެންދާތީ، އަބަދުވެސް ގައިޑުުންނަކީ، މުޖުތަމައަށް ޚިދމަތްކުރުމުގަ ދެމިތިބޭ ބައެއް. އަޅުގަނޑުމެންނަކީ މި ހުރިހާކަމަކަށް އަބަދުވެސް ވަރަށް ތައްޔާރަށްތިބޭ ބައެއް. އުއްމީދުކުރަން މި ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ގޮތެއްގައި، 1 އަހަރުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮޖެކްޓަކަށް ވީނަމަވެސް، އެއް އަހަރު ނިމުމުންވެސް އަޅުގަނޑުމެން ކަންތައްތައް ބައްޓަންކުރަމުންދާނީ ދެމެހެއްޓެނިވި ގޮތެއްގަ ހަމަ އަންނަން ހުރި ޖީލުތަކުންވެސް މިކަންކަން ކުރިއަށްގެންދެވޭނެ ގޮތަކަށް ކަންކަން ކުރިއަށްގެންދާނީ." ނަޝީދާ ވިދާޅުވިއެވެ.


ގައިޑިން ޖެނެރޭޝަން ޕްރޮޖެކްޓްގެ ތެރެއިން، އުމުރުން ދުވަސްވީ މީހުންނަށް އަޅާލާނެ ގޮތްތަކާއި، އޮންލައިން ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް ކިޔައިދިނުމާއި، ޒަމާނީ ވަސީލަތްތައް ބޭނުންކުރާނެ ހުނަރުތައް ހިމެނޭ މަންހަޖެއް ފަރުމާކުރެވިގެންދާނެކަމަށް ގާލްގައިޑް އެސޯސިއޭޝަނުން ވިދާޅުވެއެވެ.