މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ކުރިޔަށް އޮތްތަނުގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެ ކަމަށް ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.
މާލޭ ޕޫލް ބިލިއާޑް ހޯލުގައި ސެޕްޓެމްބަރު 3-23 އަށް ކުރިޔަށްދިޔަ ގައުމީ ބިލިއާޑް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޠަލާލް ވިދާޅުވީ ޕޫލް ބިލިއާޑަކީ ކުރިއެރުވޭނެ ކުޅިވަރެއްކަމަށާއި، ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ތަމްރީނުތަކެއް ދެވިއްޖެނަމަ ދެކުނު އޭޝިއާ ސަރަހައްދުގައި އަދި އޭޝިއާގައިވެސް ރާއްޖެއަށް ރަނގަޅު ހިސާބަކަށް ދެވޭނެކަމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ޠަލާލް ވިދާޅުވީ އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް ބިލިއާޑަށްވެސް ދިމާވެފައިވަނީ ޖާގައިގެ ދަތިކަން ކަމަށާއި، އެކަން ހައްލުކުރުމަށް އެސޯސިއޭޝަނާއި އެކު ސަރުކާރުން ކޮންމެވެސް ވަރަކަށް މަސައްކަތްކޮށް މިހާރު އަލި މަގެއް ހޯދިފައިވާ ކަމަށެވެ.
"ދެން ހަމަ ހުރިހާ ކުޅިވަރެއްގައިވެސް ދިމާވާ ޖާގައިގެ ދަތިކަން އެބައޮތް، އެހެންވީމާ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކޮށްފަ ޖާގަ ތަނަވަސް ކުރުމަށްޓަކައި މަގު ކޮށައިދީ އޭގައި ކުރިޔަށްދެވިދާނެ ގޮތްތަކެއް މިހާރު އެސޯސިއޭޝަނާއި އެއްކޮށް މަސައްކަތް ކޮށްގެން އަލިމަގެއް ހޯދިފައި އޮތީ" ޠަލާލް ވިދާޅުވިއެވެ.
އެހެންކަމުން ކުރިޔަށް އޮތްތަނުގައި ޕޫލް ބިލިއާޑަށް އެކަށީގެންވާ ޖާގަ ލިބި ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމުގެ ފުރުސަތާއި އެކު ދިވެހި ކުޅުންތެރިން ތަމުރީނުކުރުމަށްޓަކައި އެހެން ކުޅިވަރުތަކުގައި ނުލިބޭވަރުގެ ފުރުސަތުތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޠަލާލް ވިދާޅުވިއެވެ.
ޠަލާލް ވިދާޅުވީ ޕޫލް ބިލިއާޑް ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި، ކުރިޔަށްދެވޭނެ މަގުތައް ފެންނާނެ ކަމަށެވެ. އެހެންކަމުން ބިލިއާޑަކީ ރާއްޖޭގައި އުޖާލާ މުސްތަގްބަލެއް އޮތް ކުޅިވަރެއް ކަމަށް ސްޕޯޓްސް ކޮމިޝަނަރ ވިދާޅުވިއެވެ.
މީގެ އިތުރުން ބިލިއާޑް ކުރިއެރުވުމަށް ވިޔަފާރިވެރިންނާއި ކުންފުނިތަކުން އެސޯސިއޭޝަނަށްދޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ޠަލާލް ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މިއީ ޒުވާނުންގެ އިތުރުން އެކި އުމުރުގެ މީހުން ވަރަށް ޝައުގުވެރިވާ ކުޅިވަރެއްކަމަށާއި ފެންނަނީ ވަރަށް މަގްބޫލު ކުޅިވަރެއްގެ ގޮތުގައި ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.
ގައުމީ ބިލިއާޑް މުބާރާތް 2025 ގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ކުލަބު ޓީނޭޖުންނެވެ. މިކްސްޑް ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ހަސަން ޝާޒް މުހައްމަދާ، އައިމިނަތު އަޒްރާގެ ޕެއާއެވެ. އަންހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ އައިމިނަތު އަޒްރާ އާއި އައިމިނަތު އަޒީމާގެ ޕެއާއެވެ. ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ސާހިލް އަހުމަދާއި އަހުމަދު މާހިދުގެ ޕެއާއެވެ. ދެވަނަ ޑިވިޝަންގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އަހުމަދު ޝިވާޒްއެވެ. ދެވަނަ ޑިވިޝަންގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އައިމިނަތު އަޒްރާއެވެ.
ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް އިވެންޓުން އެއްވަނަ ހޯދީ އިސްމާއިލް ސުވެއިދުއެވެ.