ޚަބަރު

ޞުމޫދް ފްލޮޓިއްލާއަށް ޙަމަލާ ދޭން ޔަހޫދީން ތައްޔާރު، ދަތުރު ހުއްޓައިލަން އިޓަލީވިލާތުން ބާރުއަޅަނީ


ފަލަސްޠީނުގެ ޣައްޒާގެ ހިސާރު ފޫއަޅުވައިލައި، އެ ސަހަރުގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރު ކުރަމުންދާ 'ގްލޯބަލް ޞުމޫދް ފްލޮޓިއްލާ'ގެ ނަން ދީފައިވާ ހަރަކާތުގެ އުޅަނދުތަކުގެ ކުރިމަތީގައި ބޮޑު ނުރައްކަލެއް އޮތް ކަމުގައި ވިދާޅުވެ، އެ ދަތުރު ހުއްޓައިލުމަށް އިޓަލީވިލާތުގެ ބޮޑުވަޒީރު ޖޮރްޖާ މިލޯނީ ގޮވައިލައްވައިފިއެވެ.

ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާއަށް ދަތުރު ފަށާފައި ވަނީ މި ހިނގާ ސެޕްޓެންބަރު މަހުގެ ކުރީކޮޅެވެ. އަދި، ކުރިއަށް އޮތް ދޭއް ނުވަތަ ތިން ދުވަހެއްގެ ތެރޭގައި ޣައްޒާ އައްސޭރިފަށާ ހަމައަށް ދަތުރު ކުރެވޭނެ ކަމުގައި އެ އުޅަނދުތަކުން ލަފާ ކުރެއެވެ. މީގެ ކުރިން ޣައްޒާގެ ހިސާރު ފޫއަޅުވައިލުމަށް ހިންގާފައިވާ މި ފަދަ ހަރަކާތްތަކަށް ޔަހޫދީ ފައުޖުން ވަނީ ހުރަސް އަޅާފައެވެ. އެ މޭރުމުން، ޞުމޫދް ފްލޮޓިއްލާއަށް ވެސް ހުރަސް އަޅާނެ ކަމުގައި ޔަހޫދީ ފައުޖުން ވަނީ ބުނެފައެވެ. ހުސްވި ހަފުތާގައި، އެ ފްލޮޓިއްލާގައި ހިމެނޭ އެއް އުޅަނދަށް ޑްރޯނެއް ފަދަ ހަތިޔާރެއް ބޭނުން ކޮށްގެން ޙަމަލާއެއް ދީފައިވެއެވެ.

ފްލޮޓިއްލާގެ އުޅަނދުތަކަށް އޮތް ނުރައްކަލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިލޯނީ ވިދާޅުވީ، ފްލޮޓިއްލާގެ އުޅަނދުތަކުގައި ތިބި މީހުންނާއި ޔަހޫދީ ސިފައިންނާ ދެމެދު ކުރިމަތިލުމެއް ހިނގައިފި ނަމަ، ސުލްޙައިގެ މަޝްވަރާތަކަށް ހުރަސް އެޅިގެން ދިޔުމުގެ ފުރުޞަތު އޮތް ކަމުގައެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ، ޔަހޫދީންގެ ޤާތުލުޢާންމު ހުއްޓުވުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރާއްވަވާފައިވާ ރޭވުމާ ގުޅޭ މަޝްވަރާތަކަށެވެ.

"އެ ރޭވުން ފޭލުވާން ގިނަ އަދަދެއްގެ ބަޔަކު ބޭނުން ވާނެ،" މިލޯނީ ވިދާޅުވިއެވެ. "އަދި، ޣައްޒާގެ ހިސާރު ފޫއަޅުވައިލުމަށް ފްލޮޓިއްލާގެ އުޅަނދުތަކުން މަސައްކަތް ކޮށްފި ނަމަ، އެ މީހުން [ސުލްޙައިގެ މަޝްވަރާތައް ފޭލުކޮށްލަން ބޭނުންވާ މީހުން] އެދޭ ގޮތް ހާސިލު ވާނެ ކަމާ މެދު ބިރުވެތިވޭ." ފްލޮޓިއްލާ ހަރަކާތުން ޣައްޒާއަށް ކުރުމަށް ފަށާފައިވާ ދަތުރު ހުއްޓައިލުމަށް ގޮވައިލައްވާފައި ވަނީ މި ސަބަބާ ގުޅިގެން ކަމުގައި ވެސް މިލޯނީ ވިދާޅުވިއެވެ.

ފްލޮޓިއްލާގެ އުޅަނދުފަހަރާއި އޭގައި ތިބި މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އިޓަލީވިލާތާއި ސްޕެއިންގެ އަސްކަރީ މަނަވަރުތައް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، ފްލޮޓިއްލާ ދަތުރު ކުރަމުންދާ ސަރަޙައްދުގައި ތުރުކީވިލާތުގެ އަސްކަރީ ޑްރޯންތަކެއް ވެސް ދަނީ އުދުހެމުންނެވެ. މީގެ، އިތުރުން ގްރީސްގެ ކޯސްޓުގާޑު އުޅަނދެއް ވެސް ދަނީ ފްލޮޓިއްލާގެ އުޅަނދުތަކާ އެކު ދަތުރު ކުރަމުންނެވެ.

ފްލޮޓިއްލާގެ އުޅަނދުތަކުގެ ދަތުރު ހުއްޓައިލުމަށް އިޓަލީވިލާތުގެ މަނަވަރުން ވެސް އިރުޝާދު ދީފައިވާ ކަމުގައި، ފްލޮޓިއްލާގައި ދަތުރު ކުރަމުންދާ އެކްޓިވިސްޓުން ބުންޏެވެ. މި ގޮތުން، ޣައްޒާގެ އައްސޭރިފަށް ކައިރިއަށް ދަތުރު ކުރުމަކީ ނުރައްކާތެރި ކަމެއް ކަމުގައި ބުނެ، ހަރަކާތުގެ އުޅަނދުތައް ދޫކޮށްލުމަށް ފަހު، ކަނޑަށް ފޭބުމަށް އިޓަލީވިލާތުގެ މަނަވަރުން ވަނީ އިރުޝާދު ދީފައެވެ. އަދި، ވަގުތުން އެ މީހުން ސަލާމަތް ކުރާނެ ކަމުގެ ޔަގީން ކަން ވެސް އިޓަލީވިލާތުގެ މަނަވަރުން ވަނީ ދީފައެެވެ.

ޞުމޫދް ފްލޮޓިއްލާގައި 40އެއްހާ އުޅަނދު ހިމެނޭއިރު، އެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބްރީ ވެސް ހިމެނެއެވެ.