ޚަބަރު

ތިންވަނަ މޮޅާއެކު މާޒިޔާ އެއްވަނައަށް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގު ތާވަލު އެއްވަނައަށް ޖެހިލައިފިއެވެ. މާޒިޔާ އިން މެޗު ކާމިޔާބު ކުރީ 3-0 ލަނޑުންނެވެ.

މާޒިޔާ އިން މެޗާ ކުރިމަތިލީ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗު ކާމިޔާބުކޮށް ފޯމުގައި އޮވެއެވެ. ބުރު ސްޕޯޓްސް ކުލަބް ފުރަތަމަ މެޗު ކާމިޔާބު ކުރި ނަމަވެސް އެންމެ ފަހުން އީގަލްސް އަތުން އެޓީމު ވަނީ އެއްވަރުވެފައެވެ. މިމެޗުން ހޯދި މޮޅާއެކު މާޒިޔާ ވަނީ ތިން މެޗުން މޮޅުވެ ހޯދި 9 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ.

ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ދެޓީމުންވެސް ވަނީ ވަރުގަދަ އެޓޭކިން ގޭމެއް ކުޅެފައެވެ. ބުރަށް ވުރެން ބޮޑަށް މާޒިޔާގެ ހަމާލާތަށް ގިނަވެ ވަރުގަދަވިއިރު ބުރުން ވެސް ވަނީ މާޒިޔާގެ ގޯލަށް ދޭތެރެ ދޭތެރެއިން ނުރައްކާ ކޮއްފައެވެ.

މެޗުގެ 22 ވަނަ މިނިޓުގައި އޭރިޔާ ބޭރުން ހަމްޒާ މުހައްމަދު ދިން ބޯޅައެއް ހަސަން ނަޒީމް ހުސްކޮށް ހުރެ ފޮނުވާލުމުން ބުރުގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ދިފާއުކޮއްފައެވެ.

އޭގެފަހުން މާޒިޔާގެ ހަމްޒާ އަށް ލިބުނު ބޯޅައެއް ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. މާޒިޔާ މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ 33 ވަނަ މިނިޓުގައި ނާއިޒް މުހައްމަދު އޭރިޔާ ތެރެއަށް ވަދެ ޖައްސާލި ބޯޅައިން ހަމްޒާ މުހައްމަދު ގޯލުގެ މަތީކަނަށް ވައްދާލައިގެންނެވެ.

މާޒިޔާ ލަނޑަށްފަހު އަހުމަދު އައިހަމް ދިން ބޯޅައެއް ހަމްޒާ ޖެހުމުން ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ. މާޒިޔާއިން ޖެހި ދެވަނަ ލަނޑަކީ އޭރިޔާ ތެރެއަށް ވަދެ އިބްރާހިމް އައިސަމް ދިން ބޯޅައެއް އޭރިޔާގެ އަރިމަތީގަ ހުރެ ނާއިޒް ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ނާއިޒް ކާމިޔާބުކުރީ މެޗުގެ 41 ވަނަ މިނިޓުގައެވެ.

މެޗުގެ ދެވަނަ ހާފުގައި މާގިނަ ނުރައްކާތެރި ފުރުސަތެއް ދެޓީމަށް ނުލިބުނު ނަމަވެސް މިހާފުގައި ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން މާޒިޔާ ހިފިއެވެ. އެގޮތުން 59 މިނިޓުގައި ލިބުނު ހިލޭޖެހުމެއް އައިސަމް ގޯލަށް ވައްދާލީ އޭރިޔާ ބޭރުން އަރިމިތީގަ ހުރެފަ ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިގެންނެވެ.