ޚަބަރު

އަފްޣާނިސްތާނުގައި މޯބައިލް އަދި އިންޓަނެޓު ޚިދުމަތް ކަނޑާލައިފި


އަފްޣާނިސްތާނުގައި ވެރިކަން ކުރަމުންދާ ޠާލިބާންގެ އެންގުމަށް، އެ ޤައުމުގައި މޯބައިލް އަދި އިންޓަނެޓުގެ ޚިދުމަތް ކަނޑާލާފައިވާ ކަމަށް މަސްދަރުތަކާ ޙަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އެ ރިޕޯޓުތައް ބުނާ ގޮތުގައި، އިއްޔެއިން ފެށިގެން މޯބައިލް އަދި އިންޓަނެޓުގެ ޚިދުމަތް ނުލިބުމުގެ ސަބަބުން ވައިގެ އުދުހުންތަކުގެ އިތުރުން މާލީ މުޢާމަލާތްތަކަށް ވެސް ވަނީ ބުރޫއަރައިފައެވެ.

ނަމަވެސް، މިކަމުގައި ޠާލިބާންގެ ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޠާލިބާންގެ ސަރުކާރުން ދާދިފަހުން ވެސް ވަނީ އިންޓަނެޓު މެދުވެރިކޮށް ބަރަހަނާ ސައިޓުތަކަށް ވަންނަކަމަށް ބުނެ، ބައެއް ސަރަޙައްދުތަކަށް އިންޓަނެޓު ޚިދުމަތްދިނުން ހުއްޓައިލަން އަންގައިފައެވެ.

އިންޓަނެޓު އަދި މޯބައިލްގެ ޚިދުމަތް ނުލިބި، ރައްޔިތުން ބިޑެތި ނުރައްކާތަކަށް ހުށަހެޅޭކަމުގެ ކަންބޮޑުވުންފާޅުކޮށް، އދ.ން ވަނީ މިފަދަ އަސާސީ މުއާސަލާތީ ޚިދުމަތްތައް ރުޖޫއަކުރަން ޠާލިބާނަށް ގޮވާލައިފައެވެ.

އަފްޣާނިސްތާނުގައި މޯބައިލް ޚިދުމަތްދޭ ކުންފުންޏެއްގެ އޮފިޝަލަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނީ، މޯބައިލް ޚިދުމަތް ކަނޑައިލަން ސަރުކާރުން އަންގާފައިވާ ކަމަށެވެ.

ނަމަވެސް، ސަރުކާރާ ވާހަކަ ދައްކައިގެން، ޚިދުމަތް އަލުން ދޭން ފެށޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އެ އޮފިޝަލް ވިދާޅުވެފައިވެއެވެ.

މޯބައިލް އަދި އިންޓަނެޓުގެ ޚިދުމަތް ކަނޑާލާފައިމިވަނީ، އަފްޣާނިސްތާނަށް ދާދިފަހުން އައި ބާރުގަދަ ބިންހެލުންތަކުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެތައް ހާސް އާންމު ރައްޔިތުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ޚިދުމަތްތައް ނުލިބި، އެ މަސައްކަތްތަކަށް ވެސް ބުރޫއަރާފައިވާކަމަށް ދަނީ ބުނަމުންނެވެ.