ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީ ގުޅިގެން މުހިންމު ދެ ހަރަކާތެއް ކުރިއަށްގެންދަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވަނީ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް "ކޯސްޓަލް ކްލީންއަޕް 2025" ހަރަކާތާއި، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕެނަލް ޑިސްކަޝަން، "މަންސަ" ގުޅިގެން ކުރިއަށްގެންދިއުމަށެވެ.
މި އެއްބަސްވުމުގައި ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނައިބު އަހުމަދު ނިޒާމުއެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަސްބާހު އަލީ ނަސީރެވެ.
ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ކަމުގައިވާ އޮކްޓޫބަރު މަހުގެ 3ވަނަ ދުވަހު "ކޯސްޓަލް ކްލީނަޕް 2025"ގެ ނަމުގައި ހުޅުމާލޭގައި ކުރިއަށްގެންދާ މި ހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މީގެއިތުރުން، މިހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 3000އަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށާއި، މިހާރުވެސް ރަށްރަށުގެ ކައުންސިލްތަކުން މި ހަރަކާތުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރަމުން އަންނަކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.
މި ހަރަކާތާ ގުޅޭގޮތުން އެޗްޑީސީއިން ވިދާޅުވީ، މި ހަރަކާތުގައި އެކި ސްކޫލްތަކުން ބައިވެރިވަމުން އަންނައިރު، ފަތުރުވެރިކަމުގެ ސިނާޢަތަކީ ރާއްޖޭގެ އިޤްތިސާދަށްވެސް އެންމެ ފައިދާވާ ސިނާޢަތަށްވުމުން ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މުހިންމުކަމާމެދު ސްކޫލް ކުދިންވެސް ހޭލުންތެރިވާންޖެހޭކަމަށެވެ.
"އަޅުގަނޑުމެން އެބަ ދަސްކޮށްދޭންޖެހޭ ސްކޫލް ކުދިންނަށް އެކޮނޮމިކަލީވެސް އެންމެ ފައިދާވާ އިންޑަސްޓްރީއަކީ ޓޫރިޒަމް އިންޑަސްޓްރީކަން. އަޅުގަނޑުމެން އެބަ ދަސްކޮސްދޭންޖެހޭ ތިމާވެއްޓަށް އަޅުގަނޑުމެން ބަލަން ޖެހޭ މިންވަރު، އަޅުގަނޑުމެން ތިމާވެށި ރައްކާތެރިކުރަންޖެހޭ މިންވަރު، ކުނި އަޅަން ނުޖެހޭކަމަށް" އެޗްޑީސީއިން ވިދާޅުވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އެންމެ ބޮޑަށް ގުޅިފައިވަނީ ރާއްޖޭގެ ގޮނޑުދޮށްތަކާކަމަށާއި، އެހެންކަމުން ގޮނޑުދޮށްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށް ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ. އަދި މިއީ ޤައުމީ ފެންވަރުގައި މިފަދަ ހަރަކާތެއް ކުރިއަށްގެންދިއުމުގެ މަޤްސަދެއްކަމަށްވެސް އެޗްޑީސީއިން ވިދާޅުވެއެވެ.
ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3 ތިން ވަނަ ދުވަހެވެ. އެތާރީޚަކީ ރާއްޖޭގެ ފުރަތަމަ ރިސޯޓް، ވިހަމަނާފުށި 1972 ވަނަ އަހަރު ހުޅުވާ ޚިދުމަތް ދޭންފެށި ދުވަހެވެ.