ޚަބަރު

ބާރުގަދަ ތޫފާނާ އެކު ދަތުރުފަތުރަށް ބުރޫއަރައި، ވިއެޓްނާމް ހުއްޓުމަކަށް


ބާރުގަދަ ތޫފާނު "ބޫލޯއި"ގެ އަސަރު ވިއެޓްނާމަށް ކުރަމުންދާއިރު، ވެރިރަށް ހަނޯއީގައި ބޯކޮށް ވާރޭވެހި، ގިނަ ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރަށް ބުރޫއަރައިފިއެވެ.

ވިއެޓްނާމުގެ ދައުލަތުގެ މީޑިއާއިން ބުނީ، ތޫފާނާ އެކު ބޯކޮށްވާރޭވެހި، އުދައެރުމުގެ ސަބަބުން، ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެގެން ހިނގި ހާދިސާތަކުގައި މިހާތަނަށް 26 މީހުން މަރުވެ، އިތުރު 22 މީހުން ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، އެއްގަމު ދަތުރުފަތުރަށް ބުރޫއަރާފައިވާއިރު، ފަސަންޖަރުންގެ ސަލާމަތަށްޓަކައި ވިއެޓްނާމުގެ މައި އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ބައެއް ދަތުރުތައް ކެންސަލްކޮށް، އަނެއް ބައި ފްލައިޓުތައް ފަސްކޮށްފައެވެ.

ވިއެޓްނާމުގެ މޫސުމާބެހޭ އިދާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، އެ ޤައުމުގެ ގިނަ ހިސާބުތަކަށް 300 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށާއި، އަދި މިކަމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށެވެ.

ގިނަ މަގުތަކުގައި ވެހިކަލްތައް ނުދުއްވޭ ވަރަށް ފެންބިޑުވެފައިވާއިރު، ގިނަ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ.