ޚަބަރު

ޞުމޫދް ފްލޮޓިއްލާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ތުރުކީވިލާތުން ޑްރޯންތަކެއް ފޮނުވައިފި


ފަލަސްޠީނުގެ ޣައްޒާގެ ހިސާރު ފޫއަޅުވައިލައި، އެ ސަހަރުގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރު ކުރަމުންދާ 'ގްލޯބަލް ޞުމޫދް ފްލޮޓިއްލާ'ގެ ނަންދީފައިވާ ހަރަކާތުގެ އުޅަނދުތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ތުރުކީވިލާތުގެ އަސްކަރިއްޔާއިން ވެސް ބައިވެރިވާން ފަށައިފިއެވެ. ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާއަށް ދަތުރު ފަށާފައި ވަނީ މި ހިނގާ ސެޕްޓެންބަރު މަހުގެ ކުރީކޮޅެވެ.

އެ އުޅަނދުތަކުގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ސްޕެއިނާއި، އިޓަލީވިލާތުގެ އިތުރުން ގްރީސުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ތުރުކީވިލާތުން ވަނީ ތިން އަސްކަރީ ޑްރޯން އެ ސަރަޙައްދަށް ފޮނުވާފައެވެ.

ވައިގެ އުދުހުންތަކުގެ މަޢުލޫމާތު ފޯރުކޮށްދޭ ޓްރެކިންގް ވެބްސައިޓްތަކުން ހާމަކޮށްފައިވާ މަޢުލޫމާތުން ފެންނަ ގޮތުގައި، ތުރުކީވިލާތުގެ ދުރު-ރާސްތާ ޑްރޯންތައް ދަތުރު ކޮށްފައި ވަނީ އެ ޤައުމުގެ ޗޯރްލޫ އަސްކަރީ ވައިގެ ބަނދަރުން ފުރައިގެންނެވެ. ފްލޮޓިއްލާގެ އުޅަނދުތައް ދަތުރު ކުރަމުންދާ ސަރަޙައްދުގައި ތުރުކީވިލާތުގެ ޑްރޯންތައް ވެސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އެ އުޅަނދުތައް މި ވަގުތު ދަތުރު ކުރަމުން ދަނީ މެޑިޓެރޭނިޔަން ކަނޑުން އިރަށެވެ.

ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތައް ދަތުރު ކުރަމުންދާ ސަރަޙައްދުގައި ތުރުކީވިލާތުގެ އަސްކަރީ ޑްރޯންތަކެއް ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، އެ އޮޕަރޭޝަނާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން، ނުވަތަ ދިފާޢީ ވުޒާރާއިން ހާމަކޮށްފައެއް ނެތެވެ. ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާއަށް މިސްރާބު ޖަހާފައި މި ވަނީ ޔަހޫދީންގެ އިންޒާރުތަކަށް ބެލުމެއް ނެތިއެވެ.

ޞުމޫދް ފްލޮޓިއްލާގައި 40އެއްހާ އުޅަނދު ހިމެނޭއިރު، އެ އުޅަނދުތައް މި ވަގުތު އޮތީ، މީގެ ކުރިން މި ފަދަ އެހެން ހަރަކާތެއްގެ އުޅަނދުތައް ޔަހޫދީ ސިފައިން ހުއްޓުވާފައިވާ ސަރަޙައްދެއްގައެވެ. ހުސްވި ހަފުތާގައި، އެ ފްލޮޓިއްލާގެ އެއް އުޅަނދަށް ޑްރޯން ޙަމަލާއެއް އަމާޒުކޮށްފައިވެއެވެ. ނަމަވެސް، އެ ޙަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. އެ ޙަމަލާގެ ފަހަތުގައި އޮތީ ޔަހޫދީން ކަމަށް ބެލެވެއެވެ. މި ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ބުނީ، ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ފްލޮޓިއްލާގެ އުޅަނދުތަކަށް ޣައްޒާގެ އައްސޭރިފަށާ ހަމައަށް ދަތުރު ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ.

އެ އުޅަނދުތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސްޕެއިނާއި އިޓަލީވިލާތުން ވަނީ އަސްކަރީ މަނަވަރުތަކެއް ފޮނުވާފައެވެ. މީގެ އިތުރުން، ގްރީސްގެ ކޯސްޓްގާޑުގެ އުޅަނދެއް ވެސް ދަނީ ފްލޮޓިއްލާގެ އުޅަނދުތަކާ އެކު ދަތުރު ކުރަމުންނެވެ. ސްޕެއިނާއި އިޓަލީވިލާތުން ބުނީ، އެ ޤައުމުތަކުގެ މަނަވަރުތަކުން އަސްކަރީ ހަރަކާތެއް ނުހިންގާނެ ކަމުގައެވެ. އަދި، ޔަހޫދީންގެ ފައުޖުގެ މަނަވަރުތަކާ ކުރިމަތި ނުލާނެ ކަމުގައެވެ. އެ މަނަވަރުތަކުގެ މަޤުޞަދަކީ، ފްލޮޓިއްލާގެ އުޅަނދުތަކުގައި ތިބި މީހުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާއި، ކުއްލިހާލަތެއް މެދުވެރިވެއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ޣައްޒާގެ ހިސާރު ފޫއަޅުވައިލުމަށް ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތަކުން މަސައްކަތް ފަށާފައި މި ވަނީ، ޣައްޒާގެ ރައްޔިތުންނަށް ބަނޑުހައި ހޫނުކަމުގެ ހާލަތެއް ކުރިމަތިވެފައިވާ ކަން އެކުވެރި ދައުލަތްތައް (އދ)ން ވެސް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި، ޣައްޒާ ސިޓީގައި ދިރިއުޅޭ މިލިޔަނަކަށް ވުރެ ގިނަ މީހުން އަމިއްލަ ވަޒަނުން ބޭރުކޮށް، އަޅުވެތި ކުރުމަށް ކުރަމުންދާ މަސައްކަތްތައް ޔަހޫދީ ފައުޖުން އިތުރަށް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބްރީ ވެސް ހިމެނެއެވެ.