ޚަބަރު

އަންނަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ފުރުސަތު ދޭނީ ސްކްރީންކުރުމަށްފަހު


  • ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ގަވާއިދު ގެޒެޓުކުރުމުގެ މަސައްކަތްދަނީ ކުރަމުން

  • މުބާރާތުގެ ފެންވަރު މަތިކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުން

  • ޤައުމީ މުބާރާތުގެ ފައިނަލަށް ދެވޭނީ އެކި ބުރުތަކުގައި ވާދަކޮށްގެން

އަންނަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ފުރުސަތު ދޭނީ ސްކްރީންކުރުމަށްފަހު ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވެއްޖެއެވެ. މިގޮތަށް ޢަމަލުކުރަން ނިންމާފައިވަނީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު މަތިކުރުމަށްކަމަށް އެމަރުކަޒުން ވިދާޅުވެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތެވެ. އެންމެ ގިނަ ބައިވެރިންނަށް ފުރުސަތުލިބިގެންދާ އެންމެ ގިނަ ދުވަސްވީ މިމުބާރާތުގެ ބައިވެރިންގެ ޢަދަދު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. މާލެ ސަރަޙައްދާއި އަތޮޅުތަކުން މިމުބާރާތުގައި ބައިވެރިވަމުން އަންނައިރު މުބާރާތުގެ ފެންވަރު މަތިކުރުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އެކަޑެމިކް ކޯޑިނޭޓަރ އަލްއުސްތާޛް ޢަލީ ވަޙީދު ޢަބްދުއްރަޙްމާން ވިދާޅުވީ، ޤުރުއާން މުބާރާތުގެ ފެންވަރު އިތުރަށް މަތިކުރުމަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބާއްވަމުންދާނީ އެކި ބުރުތަކަށް ބަހާލައިގެންކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ބައިވެރިއަކަށްވެސް ފުރުސަތު ލިބޭނީ ސްކްރީންކޮށްގެންކަމަށް ވިދާޅުވިއެވެ.

"މިހާރު ސްކޫލްތަކާއި އަތޮޅުތަކުގެ ސްކޫލްތަކުން އަންނަނީ ސްކޫލް މުބާރާތްތަކުން ސްކްރީންކުރެވިގެން އަންނަ ކުދިން. އެކަމަކު އެބަ އާދޭ ޤުރުއާން ކްލާސްތަކުން އަދި އެނޫން ގޮތްގޮތުން އަންނަ ދަރިވަރުން. އެކުދިންވެސް ދެން އަންނާނީ ސްކްރީންކުރެވިގެން." ޢަލީ ވަޙީދު ވިދާޅުވިއެވެ.

މުބާރާތުގައި ބައެއް ދަރިވަރުންގެ ފަރާތުން ޤައުމީ މުބާރާތެއްގައި ފެންނަންޖެހޭ ސީރިއަސްކަން ފެނިގެން ނުދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެފަދަ ބޮޑު މުބާރާތެއްގައި ވާދަކުރެވޭ ވަރަށްވުރެ ފެންވަރު ދަށް ކުދިން ފާހަގަވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ސްކްރީންކޮށްގެން ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތަކަށްވެސް ދިނުމުން އެކަމަށް ހައްލު އަންނާނެކަމަށާއި، އޭރުން މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ވާދަވެރި އަދި އެންމެ ފެންވަރު މަތި ކުދިންކަން އޭނާ ފާހަގަކުރެއްވިއެވެ. ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ފެންވަރު މަތިކުރުމަށް ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތަކާއެކު ގަވާއިދު ގެޒެޓުކުރާނެކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވެއެވެ.

ޤުރުއާން ކިޔެވުމުގެ 37 ވަނަ މުބާރާތުގެ ކިޔެވުން މިހާރުވަނީ ނިންމާލާފައެވެ. މިއަހަރުގެ މުބާރާތުގައި 1023 ކުދިންވަނީ ކިޔަވާފައެވެ. މީގެތެރޭގައި ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ އިތުރުން ޙާފިޒުންގެ ބައިންވަނީ ބައިވެރިވެފައެވެ. ސްކޫލްތަކާއި، ޤުރުއާން ކުލާސްތަކާއި، އޮފީސްތަކާއި މުއައްސަސާތަކުގެ އިތުރުން އަމިއްލަގޮތުން އެކި ފަރާތްތަކުން މާލެއާއި އަތޮޅުތަކުގެ ރަށްރަށުންވަނީ ބައިވެރިވެފައެވެ. މިމުބާރާތުގެ ނަތީޖާފާޅުކުރުން އޮކްޓޯބަރު މަހުގެ 11 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.