ޚަބަރު

ހުޅުދުއްފާރުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި


މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.

ހުޅުދުއްފާރުގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ. މި ރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުދުއްފާރު އޭޓީއެމް ޚިދުމަތް ފެއްޓެވުމުގެ ގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ ވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު، ރަމްޒީ އޭޓީއެމް ކާޑެއް ރަށު ކައުންސިލާއި ހަވާލުކޮށްދެއްވާފައެވެ. މިކާޑައި ރަށު ކައުންސިލުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެރަށު ކައުންސިލްގެ ރައީސްއެވެ.

ހުޅުދުއްފާރުގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމަޢު ކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ބުރުގައި 9 ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށާނެއެވެ. މިއާއެކު އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓިގެންދާނެއެވެ. އަދި އަލިފުށީގައި ބީއެމްއެލް ބްރާންޗެއްގެ ޢަމަލީ މަސައްކަތް ފަށާނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ތެރެއިން މިހާތަނަށް 15 އަތޮޅެއްގައި މި ޚިދުމަތް ވަނީ ފަށާފައެވެ.